
އެމްއެމްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ގިނަ އަދަދެއްގެ ނޫސްވެރިންނާއި، މީޑިއާ މުއައްސަސާތަކާއި، މަދަނީ ޖަމިއްޔާތަކުން ފާޅުކުރަމުންދިޔަ ކަންބޮޑުވުންތަކާއެކު ވެސް މި ބިލު މަޖިލީހުން ފާސްކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މި ކަންބޮޑުވުންތަކަށް ރިއާޔަތް ކުރުމެއް ނެތި ބިލު ފާސްކޮށްފައިވާތީ، މި ބިލު ތަސްދީގު ނުކުރެއްވުމަށް އެދި، ރައީސް މުއިއްޒަށް ސިޓީފުޅެއް ފޮނުވާފައިވާ ކަމަށް އެމްއެމްސީން ބުންޏެވެ.
އެމްއެމްސީން ބުނީ މީޑިއާއާ ގުޅުންހުރި މައްސަލަތަކާއި ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ހެޔޮ ނިޔަތެއްގައި އެދޭނަމަ، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށާއި އަދި ގައުމީ ފެންވަރުގައި ގިނަ ފަރާތްތަކުގެ ބައިވެރިވުމާއެކު ދިރާސާކުރުމުގެ މަރުހަލާއެއް ކުރިއަށް ގެންދިޔުމަށް ފެށުނީއްސުރެ އެދިފައިވާނެ ކަމަށެވެ. ނަމަވެސް މަޖިިލިސް ޗުއްޓީގައި އޮއްވައި ދައުރުން ބޭރުން އަވަސް ދުވެއްޔެއްގައި ހާމަކަން ކުޑަވާ ގޮތަށް ކުރިއަށް ގެންދިޔުމަކީ، ބައެއް މަރުހަލާތައް ނަމަކަށް ފުރިހަމަކޮށްލުމުގެ ނިޔަތުގައި ކުރެވުނު ކަމެއް ކަމަށްވެސް އެމްއެމްސީން ބުންޏެވެ.
މި ބިލު ގާނޫނަކަށް ވެއްޖެނަމަ މީޑިއާ ރެގިއުލޭޓް ކުރުމުގެ ބަދަލުގައި ކޮންޓްރޯލް ކުރެވިގެންދާނެ ކަމަށާއި އަދި ނޫސްވެރިކަމުގެ މިނިވަންކަން ހަނިވެ، ފާޑުކިޔާ އަޑުތައް މަޑުކުރުމަށް ބޭނުންކުރެވިދާނެ ވަސީލަތްތަކެއް ތައާރަފްކުރުމުގެ ފުރުސަތު ވެސް ފަހިވެެގެންދާނެ ކަމަށްވެސް ބުނެފައިވެ އެވެ. އަދި ކޮރަޕްޝަނާއި ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރުމާއި ދެކޮޅަށް ފާރަވެރިވުމުގެ ގޮތުން ކުރެވޭ ތަހުގީގީ އަދި ޖަވާބުދާރީކުރުވުމުގެ ނޫސްވެރިކަން ހުއްޓުވުމަށް ބާރު ލިބިގެންދާއިރު، އޭގެ ސަބަބުން ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖޭގެ ރޭންކިން ވަރަށް ބޮޑަށް ދަށްވެގެންދާނެ ކަމަށް އެމްއެމްސީގެ ބަޔާނުގައިވެ އެވެ.
ނޫސްވެރިންނާއި މީޑިއާތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް 60 މެމްބަރުންގެ ވޯޓާ އެކު، މަޖިލިހުގެ މި ދައުރުން ބޭރުގައި ބޭއްވި ޖަލްސާގައި އެ ބިލް ފާސްކުރީ އިއްޔެގަ އެވެ. އަދި އެ ބިލް ތަސްދީގުކުރާ ދުވަހުން ފެށިގެން އެމްއެމްސީ އަދި ބްރޯޑްކޮމް އުވާލައި، މީޑިއާ ކޮމިޝަންގެ ނަމުގައި ވަކި އިދާރާއެއް އުފައްދަންޖެހެ އެވެ.
އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕު ހިމެނޭ ގޮތަށް އަންނަނީ މީޑިއާ ބިލާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. ސަރުކާރުގެ މެންބަރުން އަންނަނީ، މީޑިއާ ބިލް ފާސްކޮށްފައިވަނީ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް އިސްލާހުތައް ގެނައުމަށް ފަހު ކަމަށް ބުނަމުންނެވެ.
އެހެންނަމަވެސް، ބިލުގައި ކަންބޮޑުވާން ޖެހޭ އިތުރު ކަންތައްތައް ހުރި ކަމަށް ބުނެ ނޫސްވެރިން ވަނީ ބިލް ތަސްދީގު ނުކުރަން ގޮވާލައި ސިލްސިލާ ހަރަކާތްތައް ބާއްވާނެ ކަމަށް ބުނެފަ އެވެ.