
ރައީސް ޑރ. މުހައްމަދު މުއިއްޒު ވ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ރަކީދުއަށް މިއަދު ވަޑައިގަތުމުން ވެސް ރައްޔިތުން ހުށަހެޅީ އެހެން ރަށަކަށް ބަދަލުކޮށްދިނުމަށެވެ.
ރަކީދޫގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި، އަސާސީ ހިދުމަތްތަކާއި ވަސީލަތްތައް ފުޅާ ދާއިރާއެއްގައި ލިބެންހުރި ރަށަކަށް ބަދަލުވުމަކީ، ކުޑަ އާބާދީއެއް އޮތް ރަށެއްގައި ދައުލަތުން ބޮޑެތި ހަރަދުތަކެއް ކުރަމުން ދިއުމަށްވުރެ މާ ރަނގަޅު ހައްލެކެވެ.
ރަކީދޫގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުވުމާ ގުޅޭ މަޝްވަރާތައް ކުރުމަށް ހައުސިންގް މިނިސްޓްރީގެ ޓީމެއް ފާއިތުވި ހަފުތާގައި އެ ރަށަށް ދިޔަ ކަމަށް އެ ރަށުގެ ސިއްހީ މަރުކަޒުގެ އިސްވެރިޔާ ވިދާޅުވި އެވެ. މި ބައްދަލުވުމުގައި އެ ރަށުގެ ގިނަ ބަޔަކު ރަށުން ބަދަލު ވާން ބޭނުންވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މީގެއިތުރުން، ރައީސް އާ ވަހަކަ ދައްކަމުން އެ ރަށު މީހަކު ބުނެފައިވަނީ އިންތިހާބު ކައިރިވުމާ ގުޅިގެން ރައްޔިތުންނަށް ކޮންމެ ރައީސަކު ވެސް ދައްކަނީ ހުވަފެން ކަމަށާއި އެ ގޮތަށް ރައީސް މުއިއްޒު ނުހައްދަވާނެ ކަމަށް އުއްމީދު ކުރާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ރަކީދޫގެ ރައްޔިތުން އެހެން ރަށަކަށް ހިޖުރަކުރަން އެ ރަށުގެ 80 ޕަސެންޓަށް ވުރެ ގިނަ މީހުންގެ ތާއީދު ލިބޭނަމަ އެކަން އެގޮތަށް ކޮށްދެއްވާނެ ކަމަށާއި، ރަށުން ރައްޔިތުން ހިޖުރަކުރުމަށް ބޭނުންވާ ގޮތް ދެނެގަތުމަށް ރަސްމީކޮށް މަސައްކަތްތަކެއް ގެންދަވާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރަކީދޫ ރައްޔިތުންގެ ހިޔާލާއެކު އެ ރަށު ރައްޔިތުން ބަދަލުވާން ނިންމައިފިނަމަ، ރައްޔިތުން ބަދަލުކޮށްދެއްވާނީ ވަސީލަތްތަކާއެކު ހިދުމަތްތައް ފުރިހަމަ ރަށަކަށް ކަމަށެވެ.
ރަކީދުއަކީ ގެސްޓް ހައުސްތައް ހަދަމުން އަންނަ ރަށަކަށް ވާތީ، އެ ވިޔަފާރިތައް ވެސް ހިންގޭ ގޮތަށް މީހުން ބަދަލުކުރަން އިސްކަންދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވަނީ އެ ރަށުން މީހުން ބަދަލު ކުރުމުގެ ބަދަލުގައި ރަށުގައި ބަނދަރަކާއި ސްކޫލެއް އިމާރާތް ކޮށްފައެވެ. ބޮޑު އެ ސްކޫލުގެ ކިޔެވުން ފެށީ ތިން ދަރިވަރުންނާއެކުއެވެ.