ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ވ. ރަކީދޫގައި ޕޮލިސް ޑެސްކުގެ ހިދުމަތް އިއްޔެ ތައާރަފު ވެގެން ދިއުމާއެކު، ވ. އަތޮޅުގެ އެންމެހައި ރަށްރަށުގައި ފުލުހުންގެ ހިދުމަތް މިހާރު ވަނީ ގާއިމުކުރެވިފައިކަމަށެވެ. އަދި މި މިއީ ރައްޔިތުންނަށް ބޭނުންވެފައިވާ މުހިންމު ހިދުމަތެއް ގާތުން ފޯރުކޮށްދިނުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއްކަމަށްވދެސް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެއެވެ.
ވ. ރަކީދޫގައި ފުލުހުންގެ ޑެސްކެއް ގާއިމުކޮށް ފުލުހުންގެ ހިދުމަތް ދޭން ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
މީގެއިތުރުން ވ. ފެލިދޫގައި އަޅާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތްވެސް އިއްޔަ ވަނީ ފަށާފައެވެ.
ފެލިދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ) އާ އެވެ.
މި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮރުމަކީ ސަރުކާރުގެ އަމާޒެކެވެ.