ރައީސް ދަރަނބޫދޫގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެތަން ނިމެންދެން މަޑު ނުކޮށް މިހާރު ފޯރުކޮށްދެމުން އަންނަ ހިދުމަތް އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމަށް ބޭނުންވާ އިތުރު ނަރުހެއް ހޯދުމަށް ސަރުކާރުން ދޭން ޖެހޭ ހުއްދަތައް ދޭނެ ކަމަށެވެ.
މި އަހަރުގެ ތެރޭގައި އެ ރަށުގެ ސްކޫލުގެ މަލްޓީ ޕާޕަސް ހޯލް އެޅުމަށް ބަޔަކާއި ހަވާލުކޮށް އެ މަސްރޫއު ފެށިގެންދާނެ ކަމަށް ފާހަގަ ކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ މި މަސްރޫއުގެ ދަށުން އިތުރު 3 ކްލާސް ރޫމްވެސް ސްކޫލުގައި އެޅިގެންދާނެ ކަމުގަ އެވެ.
ދަރަނބޫދޫ އަކީ އެޓްލެޓިކްސް ގައި ވަރަށް ވާދަވެރި ކުުދިންތަކެއް އުފެދިފައިވާ ރަށެއް ކަމުން އެ ކުދިން އިތުރަށް ތަމްރީނު ކުރުމަށް ފުޓްބޯޅަ ދަނޑު ހަދާ ނިމޭއިރު ދުވާ ޓްރެކެއްވެސް މިދަނޑުގައި ހެދިގެން ދާނެ ކަމަށާއި އެ ދަނޑުގައި ރޭގަނޑުވެސް ކުޅެވޭ ގޮތަށް ލައިޓް ހަރު ކުރެވިފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ ރަށުގައި އެޅިފައިވާ ބެޑްމިންޓަން ކޯޓު އިތުރަށް ފުޅާކޮށް އިތުރަށް ތަރަގީ ކުރުމުގެ މަސައްކަތް މިއަހަރު ތެރޭގައި ކުރިޔަށް ދާނެ ކަމަށް އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.
މި އަހަރުގެ ތެރޭގައި އެރަށުގައި ފުލުހުންގެ ހިދުމަތް ދިނުމަށް ފުލުހުންގެ އަމިއްލަ އިމާރާތެއް މި އަހަރު ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައި އެވެ.
ދަރަނބޫދޫގެ ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އަންނަ އަހަރުގެ ބަޖުޓުގެ ތެރެއިން ހިމަނާނެ ކަމަށް ފާހަގަ ކުރަމުން ރައީސް ވިދާޅުވީ ރަށް ގިރުމުގެ މައްސަލަ އަށް ހައްލެއް ގެނެއުމަކީ ވަރަށް ބޮޑަށް ދިރާސާކޮށްގެން ކުރިޔަށް ގެންދަން ޖެހޭ މަސްރޫއުއެއް ކަމަށެވެ.