މި ރަސްމިއްޔާތުގައި ރައީސްގެ އިތުރުން، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލަލިބްވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. ޑރ. މުއްތަލިބް ވަނީ މި މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވާފަ އެވެ. މި ނަރުދަމާ ނިޒާމަކީ ނިލަންދޫގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ތިމާވެށި ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.
ފ. ނިލަންދޫގައި ގާއިމުކުރެވޭ ޒަމާނީ ނަރުދަމާ ނިޒާމަކީ ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށްގެންދެވޭ މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއު ތަންފީޒުކުރުމުގެ ޒިންމާ ހަވާލުކުރެވިފައިވަނީ މޯލްޑިވެސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 69,680,093.29 ރުފިޔާ ކަމުގައިވާއިރު، ޕްރޮޖެކްޓް ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތަކީ 720 ދުވަހެވެ.
މި ފުރިހަމަ ނަރުދަމާ ނިޒާމުގެ ތެރޭގައި ހިމެނެނީ ނަރުދަމާ ހޮޅި އެޅުމާއި، ނަރުދަމާ ޕަންޕިންގ ސްޓޭޝަން ގާއިމުކުރުމާއި، ނަރުދަމާ ޖަންކްޝަންތައް ބެހެއްޓުމާއި، އަދި އައުޓްފޯލް އެޅުމެވެ. މީގެ އިތުރުން، މި ނިޒާމާ ގުޅުންހުރި އެހެނިހެން މަސައްކަތްތައްވެސް މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދެވޭނެއެވެ. މި މަޝްރޫއުގެ ސަބަބުން ނިލަންދޫގެ ރައްޔިތުންނަށް ޒަމާނީ ފެންވަރުގެ ނަރުދަމާގެ ހިދުމަތް ލިބި، ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެކަމެކެވެ.
މި މުހިންމު ބައްދަލުވުމުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދުގެ އިތުރުން، ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އަދި ނިލަންދޫ ކައުންސިލްގެ ރައީސް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. ނިލަންދޫގެ ފެނާއި ނަރުދަމާ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ފަށާފައިވާ މި މަޝްރޫއު ފުރިހަމަވުމުން، ރަށުގެ ފެނާއި ނަރުދަމާގެ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރާކަމަށް ބުނެ އެވެ.