އެމް.ކިއު.އޭ އިން މިއަދު ނެރުނު އިއުލާނެެއްގައިވަނީ ދިވެހި ދަރިވަރުން ސްރީލަންކާގައި ކިޔަވަން ފެށުމުގެ ކުރިން ކިޔަވަން ގަސްދުކުރާ މަރުކަޒަކީ އެ އޮތޯރިޓީގެ ގަވާއިދުގައި ބަޔާންކުރާ މިންގަނޑަށް ފެތޭ އެ އޮތޯރިޓީން ގަބޫލުކުރާ މަރުކަޒެއްކަން ކަށަވަރުކުރަން ޖެހޭނެކަމަށެވެ. އަދި ކިޔަވާ ޕްރޮގްރާމަކީ އެމް.ކިއު.އޭ އިން ޤަބޫލުކުރާ ޕްރޮގްރާމެއްކަން ކަށަވަރުކުރުމަށްވެ އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.
ސްރީލަންކާގެ ޓާޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނުން ހުއްދަ ދެމުން އަންނަނީ ހަޔާ ޑިޕްލޮމާ އިން ދަށުގެ ޓަރޝަރީ ޕްރޮގްރާމްތަކަށްކަން އެމް.ކިއު.އޭ އިން ފާހަގަކުރެއެވެ. އަދި ސްރީލަންކާގެ ޔުނިވާސިޓީ ގްރާންޓްސް ކޮމިޝަން އަދި ސްރީލަންކާގެ މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ވޮކޭޝަނަލް އެޑިއުކޭޝަނުން ހުއްދަ ދެމުން އަންނަނީ ޑިގްރީއަށް ވުރެ މަތީގެ ޕްރޮގްރާމްތަކަށްކަމަށްވެސް އެމް.ކިއު.އޭ އިން ބުނެއެވެ.
އެހެންނަމަވެސް އިސްވެ ފާހަގަކުރި، ސްރީލަންކާގެ ޓާޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނުން ހުއްދަ ދޭ މިންގަނޑާއި ހިލާފަށް އެ މިންގަނޑުން ބޭރުން ބައެއް މަރުކަޒުތަކުން ޕްރޮގްރާމް ހިންގާކަމާއި، އެގޮތުން ހުއްދަ ދީފައިވާ މިންގަނޑާއި ހިލާފަށް އެތަންތަނުން ހިންގާ ހަޔާ ޑިޕްލޮމާ އިން މަތީގެ ޓާޝަރީ ޕްރޮގްރާމްތައް އެހެން ގައުމުތަކާ ގުޅިގެން ހިންގާކަން ފާހަގަކުރެވިފައއިވާކަމަށް އެމް.ކިއު.އޭ އިން ބުނެއެވެ. އަދި އެގޮތަށް އެހެން ގައުމުތަކާ ގުޅިގެން އެ ޕްރޮގްރާމްތައް ހިންގުމަށް ހުއްދަދީފައި ނުވާކަން ފާހަގަކުރެވިފައިވާކަމަށްވެސް އެމް.ކިއު.އޭ އިން ބުނެއެވެ.
ސްރީލަންކާގައި މަތީ ތައުލީމުދޭ ބައެއް ކޮލެޖް/ޔުނިވާސިޓީތައް ސަސްޕެންްޑްކޮށްފައިވާތީ އެތަންތަނުގައި، ކިޔެވުން ނުފެށުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) މީގެކުރިންވެސް ވަނީ އިލްތިމާސްކޮށްފައެވެ.