ads
ރައީސް މަގޫދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ތެރެއިން
މަގޫދޫ އެއާޕޯޓު އެއްއަހަރުތެރޭ ނިންމަ ދޭނަން: ރައީސް
ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށް ނިންމައި ދޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށުގެ ރައްޔިތުންނަށް މިއަދު ދެއްވައިފި އެވެ.
Advertisement

ރައީސް މިހެން ވިދާޅުވީ މަގޫދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރާ ހިއްސާކުރެއްވުމަށް ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.

މިބައްދަލުކުރެއްވުމުގައި ރަށުގެ ހުރިހާ ރައްޔިތުންވެސް ފާޅުކޮށްފައިވާ ކަންބޮޑުވުމަކީ ރަށުގެ ތަރައްގީއާ އެންމެ ބޮޑަށް ގުޅިފައިވާ އެރަށު އެއާޕޯޓްގެ މަސައްކަތް ނުނިމި ލަސްވަމުންދާ މައްސަލައެވެ. 

"ރަށުން ހުރިހާ އެއްޗެއް ގެންދިޔަ [ކާން އެއްކޮށްފައި ހުރި ކަނޑޫކޮޅާއި ސްކޫލު އިމާރާތާއި އަތޮޅު ވެރިކަން ވެސް ފެނަށް ދިޔައީ]. އެ ގެންދިއުމާ ދެކޮޅަށް ނިކުތް 40 އެތައް މީހަކު ރައްޔިތުން ޖަލަށްލި. އެ ދުވަހު ރައްޔިތުން ކުރި މަސައްކަތް ނުކުރި ނަމަ މިއަދު އެ މަގޫދޫ ނުފެންނާނެ،" ކަންބޮޑުވުމާ އެކު އޭނާ ވިދާޅުވި އެވެ.

އެގޮތުން އެއާޕޯޓްގެ މަސައްކަތް މުޅިން މަޑުޖެހި، މަޝްރޫއު ސަރުކާރުން ހުއްޓާލާފާނެކަމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމެން އުޅެނިކޮށް 19 އޮގަސްޓް 2023 ގައި މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ކުރީކޮޅު އެ މަޝްރޫއު މަސައްކަތްތައް މަޑުޖައްސައިލި އެވެ. އެހެންވެ، މަގޫދޫގެ ރައްޔިތުން އޭރު ވެސް އިހުތިޖާޖުކުރި އެވެ.

މި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުން އެއާޕޯޓްގެ މަސައްކަތް ހުއްޓާނުލާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ. އަދި އެ މަސައްކަތް މަޑުޖެހިފައިވާ ސަބަބުތައް ދެނެގަނެ، މަސައްކަތް އަވަހަށް ހިނގައިގަނެވޭނެ ގޮތް ހަމަޖައްސަވައިދެއްވާނެކަމަށް ރައީސް ވިދާޅުވި އެވެ. ކަމާ ގުޅޭ ވުޒާރާއާއި ކޮންޓްރެކްޓަރާއެކުވެސް މިކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށް ރައީސް ވަނީ މި ބައްދަލުވުމުގައި ފާހަގަ ކުރައްވާފައި އެވެ.

މަގޫދޫން ވަނީ ރަށުގެ ފަޅުތެރޭގައި ކުރިއަށްގެންދިއުމަށް ކައުންސިލުން ބޭނުންވާ އިންޓަރގްރޭޓެޑް ޓުއަރިޒަމް މަޝްރޫއަށް ވެސް ސަރުކާރުން މަގުފަހިކޮށްދިނުމަށް އެދިފަ އެވެ.

ފ. ނިލަންދު އަށް ރޭ ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ނިލަންދޫގެ އެއާޕޯޓުގެ މަސައްކަތް އިއްޔެ އިން ފެށިގެން 30 މަސް ނުވަތަ ދެ އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި ނިންމައި ދޭނެ ކަމަށެވެ. އަދި ނިލަންދޫ އެއާޕޯޓުގެ ސިވިލް މަސައްކަތްތަކާއި އޮޕަރޭޓް ކުރުން ވަނީ ރޭ އެމްއޭސީއެލްއާ ހަވާލުކޮށްފަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް