މި ގައުމުތަކުގެ ހާރިޖީ ސިޔާސަތަށް ގެނައި މި ތާރީހީ ބޮޑު ބަދަލު އިއުލާނުކޮށްފައި މި ވަނީ ހޯމަ ދުވަހު އދ.ގެ އާންމު މަޖިލިސް ފެށުމުގެ ކުރިން ފަލަސްތީނުގެ ދައުލަތް ބަލައިގަނެ އެކަން އިއުލާނުކުރާނެ ކަމަށް ކުރިން ވެސް ބުނުމަށް ފަހުގަ އެވެ.
އަންނަ ހަފުތާގައި ނިއު ޔޯކްގައި ބާއްވާ އދ.ގެ އާންމު މަޖިލީހުގައި އެންމެ ބޮޑަށް ދެކެވޭނެ ކަމަށް ބެލެވިފައިވަނީ އިޒްރޭލާއި ފަލަސްތީނުގެ މައްސަލައަށް "ދެ ދައުލަތުގެ ހައްލު" ހޯދުމާ ބެހޭ ވާހަކަ އެވެ.
އދ.ގެ މެންބަރު 193 ގައުމުގެ ތެރެއިން 75 ޕަސެންޓަކީ މިހާރު ވެސް ފަލަސްތީނުގެ ދައުލަތް ގަބޫލުކުރާ ގައުމުތަކެވެ. އދ.ގެ އާންމު މަޖިލީހުގައި އަދިވެސް އިތުރު ގައުމުތަކުން ފަލަސްތީނު ބަލައިގަންނާނެ ކަމަށް ވަނީ ބެލެވިފަ އެވެ. މިކަމާއި ނުރުހި އޮވެ އިޒްރާއީލުން ބުނަމުން އަންނަނީ މީ ހުޅަނގުގެ ގައުމުތަކުން ހަމާސް އަށް ދެމުން އަންނަ ހަދިޔާ އެއް ކަމަށެވެ.
މި ނިންމުމާ ގުޅުވާ، އިނގިރޭސި ބޮޑުވަޒީރު ކެއާ ސްޓޭމާ ވިދާޅުވީ މިއީ މެދުއިރުމަތީގައި ބޮޑުވަމުން އަންނަ ބިރުވެރިކަމުގެ ކުރިމަތީގައި، ރައްކާތެރި އިޒްރޭލަކާއި ފަލަސްތީނުގެ އަމިއްލަ ދައުލަތެއް އޮތުމުގެ ފުރުސަތު ދިރުވައި އާލާކުރުމަށް ނިންމިނިންމުމެއް ކަމަށެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނޭސޭގެ ވާހަކަތައް ވެސް މި މޭރުމުން ބައްޓަން ކުރައްވަމުން ވިދާޅުވީ މިއީ އެ ގައުމުން އަބަދު ވެސް ވަކާލާތުކުރަމުން އައި ގޮތަށް ދެ ދައުލަތް އޮންނަން އިތުރު ބާރެއް ލިބިގެން ދާނެ ކަމެއް ކަމަށެވެ.
އިޒްރޭލުން މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ފަލަސްތީނުގެ ގާޒާއަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 65،000 އިން މައްޗަށް އަރައިފި އެވެ.
ގާޒާ ސިޓީގެ އާންމުން މިހާރު ބުނާ ގޮތުގައި މި ދުވަސްވަރު ވަނީ ހަމަލާތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. އަދި އެއްގަމު މަގުން އިޒްރޭލު ސިފައިން ގާޒާ ތެރެއަށް ވަންނަމުންދާ ކަމަށް ވެސް ބުނެ އެވެ.