ads
ރައީސް ޔާމީން. މަރުގެ އަދަގު ތަންފީޒުކުރަން ބޭނުންނުވާކަމަށް އެމަނިކުފާނު މިވަނީ ވިދާޅުވެފައި
މިހާރު އޮތް ނިޒާމުގެ ތެރެއިން، މަރުގެ އަދަބު ދޭން ތާއީދެއް ނުކުރަން: ޔާމީން
މަރުގެ އަދަބު ތަންފީޒު ކުރަން ކުރިން ވަކާލާތު ކުރެއްވި ނަމަވެސް، ޝަރުއީ ނިޒާމަށް އިތުބާރު ނެތުމުން މަރުގެ އަދަބު ދޭން މިހާރު ތާއިދު ނުކުރައްވާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
Advertisement

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމަކީ ޔާމީންގެ ވެރިކަމުގައި 2013 ގެ ރިޔާސީ ވައުދެކެވެ. އަދި ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު މަރުގެ އަދަބު ތަންފީޒުކުރަން ފަށާނެކަން އިއުލާންކޮށް އެކަމަށް ތައްޔާރުވެފައިވާކަމަށްވެސް އޭރު ސަރުކާރުން ބުނިއެވެ. 

ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި  ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުންތަކަކީ ފަހުގެ ނިންމުންތަކަށް ވިޔަސް ބައެއް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ހުކުމް ނެރެފައި ވަނީ ރަނގަޅަށް ނޫންކަމަށެވެ. އެހެންކަމުން ބައެއް ހުކުމްތަކަށް އިތުބާރު ނުކުރެވޭ ކަމަށް ޔާމީން ވިދާޅުވިއެވެ. 

"އަޅުގަނޑަކީ އެކަމަކަށް ކުރީގައި ވަކާލާތުކުރި މީހެއް. ނަމަވެސް މިއަދު އަޅުގަނޑު ނުކުރާނަން އެ ވަކާލާތެއް. އެއީ އަޅުގަނޑަށް އިތުބާރު ނުކުރެވެނީ ފަނޑިޔާރުންނަށް،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓަކީ މޫސުމީ ތަނަކަށް ވެގެން ނުވާނެ ކަމަށާއި އެކަމަކު އެ ތަނުގެ ނިންމުންތަކުން ފެންނަނީ އެފަދަ މަންޒަރެއް ކަމަށެވެ. އެގޮތުން ޔާމީން އިޝާރާތް ކުރެއްވީ އެމަނިކުފާނުގެ ވަރަށް ގާތްކޮށް ކުރިން ހުންނެވި މިހާރުގެ ރައްޔިތުން މަޖލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމަށް ޔާމިންގެ ވެރިކަމުގައި އިއްވި 25 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރި މައްސަލައަށެވެ.

ޔާމީން ވިދާޅުވާ ގޮތުން އެ ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރީ ރައީސް އިބްރާހިމް މުހައްމަދު ސާލިގާއި ނާޒިމާއި އޮތް ގުޅުމެއްގެ ތެރެއިން އުސޫލުތަކާއި ހިލާފަށްްކަމަށެވެ. 

"ނާޒިމް މައްސަލާގައި އެ ވިދާޅުވާ ގޮތަށް މިއޮތީ ކައްކާފައި އެއްޗެއް ނެރެފައި އޮތީ ސުޕްރީމް ކޯޓުން. ނާޒިމް އިސްތިއުފާނެއް ވެސް ނުކުރޭ. އިސްތިއުނާފުގެ މުއްދަތު ވެސް ފަހަނަޅައި ހިނގައްޖެ ... ސުޕްރީމް ކޯޓުން ހޫނުކޮށްލާފައި ކައްކާލާފައި ނެރޭނީ. އެވަރު ކަންތައް މި ހުންނަނީ ކޮށްފައި،" ޝަރުއީ ނިޒާމަށް ފާޑު ވިދާޅުވަމުން ޔާމީން ވިދާޅުވިއެވެ.

އެހެންކަމުން މިހާރު މިތިބި ފަނޑިޔާރުން ތިބެގެން މަރުގެ އަދަބު ތަންފީޒުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ކުރާވަރުގެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ. އަދި އެ ހާލަތުގައި ޝަރުއީ ނިޒާމު އޮއްވާ މަރުގެ ހުކުމް ތަންފީޒުކުރުމަށް ކެރޭނީ ކޮން ރައީސަކަށްތޯވެސް ޔާމީން ސުވާލު އުފެއްދެވިއެވެ.

"އަދުލު އިންސާފުގެ އެންމެ ފަހު މަރުހަލާގައި މި ދޭ ހުކުމްތައް. އެއީ ދިވެހިރާއްޖޭގައި ގިސާސްގެ ވާހަކަ މި ދައްކަނީ. އެކަމަކު މިހާރު އޮތް ޝަރުއީ ނިޒާމަށް ބަރޯސާވެގެން ގިސާސް ހިންގަން ކެރޭނީ ނުވަތަ ތަންފީޒުކުރަންކެރޭނީ ކޮން ރައީސަކަށްތޯ،" ޔާމީން ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ނިންމުންތަކުގައި ސިޔާސީ ކުލަ ނުޖެހި، އެއީ ފައިނަލް ނިންމުން ކަމާމެދު ރައްޔިތުންގެ އިތުބާރު ލިބޭނެ ގޮތެއް ހޯދަންޖެހޭ ކަމަށާއި އަދި ސުޕްރީމް ކޯޓުގެ ނިންމުންތަކާމެދު ޖަވާބުދާރީ ކުރެވޭނެ ގޮތެއްވެސް ހޯދަން ޖެހޭ ކަމަށް ޔާމީން ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް