މ އަތޮޅަށް މިހާރު ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު މިއަދު ވަނީ ރަތްމަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރަތްމަންދޫ ކައުންސިލްގެ ރައީސް އިސްމާއީލް ނާހިދު ވިދާޅުވީ އރަށުން އެހެން ރަށަކަށް ހިޖުރަކުރަން ބޭނުންވެ ރަށުގެ ރައްޔިތުން ސަރުކާރަށް ޕެޓިޝަނެއްވެސް ހުށައަޅާފައިވާކަމަށެވެ. އެހެންނަމަވެސް ހިޖުރަކުރަން ބޭނުންވާ އާއިލާތަކާ އަދި ރަށުގައި ތިބެން ބޭނުންވާ އާއިލާތައްވެސް ތިބިކަން ފާހަގަކުރައްވާ މިކަމުގައި މަޝްވަރާކޮށް ގޮތެއް ނިންމަން ބޭނުންވާކަން ނާހިދު ފާހަގަކުރެއްވިއެވެ.
އެ ވާހަކަތަކާއި ގުޅުވާ ރަައީސް މުއިއްޒު ވިދާޅުވީ ހިޖުރަކުރަން ބޭނުންވާ އާބާދީތަކަށް އެކަން ފަހިކޮށްދިނުމަށް ސަރުކާރުން ބޭނުން ވަނީ، ރައްޔިތުންނަށް ފުދުންތެރި ލުއިފަސޭހަ ދިރިއުޅުމެއް ހޯދާ ދިނުމަށްކަމަށެވެ. އެގޮތުން ރަތްމަންދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރާނީ އާބާދީގެ 80 އިންސައްތަ ރައްޔިތުންގެ ރުހުން ލިބުމުންކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ސަރުކާރުގެ ވިސްނުމަކީ ރަށުގެ ކައުންސިލާ ރައްޔިތުންނާ އަދި ކަމާގުޅުންހުރި ވުޒާރާތަކާ އިދާރާތައް މެދުވެރިކޮށް ރައްޔިތުންގެ މެދުގައި ވޯޓެއް ނެގުންކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރަތްމަންދޫ މީހުން އެހެން ރަށަކަށް ބަދަލުކުރާނީ ތިން ކޮޓަރީގެ ގެއެއް އަޅާދިނުމަށްފަހުކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބަދަލުވާ އާއިލާތަކަށް ދެމުން އަންނަ ފައިސާގެ އަދަދުވެސް ބޮޑުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރަތްމަންދޫ މީހުން މާލެ ކައިރިން ސަރަޙައްދަކަށް ބަދަލުވުމުގެ ދެއްވާނެކަމަށެވެ. އެގޮތުން ތުލުސްދޫފަދަ ރަށްތަކާއި ވާހަކަ ދައްކާނެކަން ރައީސް ފާހަގަކުރެއްވިއެވެ. ރަތްމަންދޫ މީހުން ބަދަލުކުރަން ނިންމާ ރަށަކަށް އަހަރެއްގެ ތެރޭގައި ބަދަލުވެވޭނެކަމަށްވެސް ރައީސް މުއިއްޒު މިއަދު ވިދާޅުވިއެވެ.
ރަތްމަންދޫގެ އާބާދީއަކީ 240 މީހުންނެވެ. އެހެންނަމަވެސް އެކި ސަބަބުތަކާއި ހުރެ ރަށުން މީހުން ފައިބާ ރަށުގައި މިވަގުތު ދިރިއުޅޭ މީހުންގެ އަދަދު 100 ވެސް ނާރައެވެ.