ނާލާފުށީގައި މި ދެ މަސައްކަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު މ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނާލާފުއްޓަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާގެ މެނޭޖިންގ ޑިރެކްޓަރގެ އިތުރުން ދާއިރާގެ މެންބަރާއި ކައުންސިލް ރައީސެވެ.
މ. ނާލާފުށީގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް މިއަދު ފެށުން - ފޮޓޯ: ރައީސް އޮފީސް
ނާލާފުށީގެ ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރެވެ. އަރިހުގައި ދާއިރާގެ މެންބަރާއި، އެރަށުގެ ކައުންސިލްގެ ރައީސް، ބައިވެރިވެވަޑައިގެންނެވި އެވެ.
މިމަސައްކަތް ކުރިއަށްގެންދަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް، އާރުސީސީއާއި ހަވާލު ކޮށްގެންނެވެ.
ނާލާފުށީ ކައުންސިލް އިދާރާގެ އާ އިމާރާތުގެ މަސައްކަތަކީ، ބާވެ ވީރާނާވެފައިވާ ކައުންސިލް އިދާރާތަކުގެ އިމާރާތްތައް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ. ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި 100 އަށްވުރެ ގިނަ ރަށުގެ ކައުންސިލް އިދާރާގެ އާ އިމާރާތްތައް ތަރައްގީކުރެއްވުމެވެ.
އަތޮޅުތެރޭގެ 55 ކައުންސިލްގެ އާ އިމާރާތް އެޅުމުގެ މަސައްކަތް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް އާރުސީސީއާ ވަނީ ހަވާލުކޮށްފަ އެވެ. 631 މިލިޔަން ރުފިޔާގެ މި މަޝްރޫއު ނިމޭއެރު، ކައުންސިލް އިދާރާގެ ގޯތީގެ ވަށާފާރު ރާނައި، އޮފީހަށް ބޭނުންވާ ފަރުނީޗަރުވެސް ހުންނާނެކަމަށް ސަރުކާރުން ބުނެ އެވެ.