ads
ކުރީގެ ރައީސް ނަޝީދު
500 މިލިއަނުގެ ސުކޫކު ނުދެއްކި، ޑިފޯލްޓު ވުމުގެ ބިރު އެބައޮތް: ނަޝީދު
ރާއްޖެއިން އަންނަ އަހަރުގެ އޭޕްރިލް މަހަށް 500 މިލިއަން ޑޮލަރު (7.6 ބިލިއަން ރުފިޔާ)ގެ ސުކޫކެއް އަނބުރާ ދައްކަން ޖެހޭއިރު، އިންވެސްޓަރުންގެ އިތުބާރު ދަށްވެ، އިތުރަށް ފައިސާ ނުލިބުމާއެކު ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު އޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ސަރުކާރުގެ ޕްލޭނާއި އެއްގޮތަށް އިތުރު ސުކޫކެއް ވިއްކޭނެ ކަމުގެ ޔަގީންކަން މިހާރު ނެތް ކަމަށެވެ. ސަބަބެއްގެ ގޮތުގައި ދެއްކެވީ ރާއްޖޭގެ މާލީ ހާލަތު ގޯސްވުމުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ގެއްލެމުން ދިޔުމެވެ. ސުކޫކު އަނބުރާ ދައްކަން ޖެހެނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 8 ވަނަ ދުވަހު އެވެ.

"ރާއްޖޭގެ ސުކޫކު ބޮންޑު އަނބުރާ ނުދެއްކި ޑިިފޯލްޓު ވެދާނެ ކަމުގެ ބިރު އޮތްކަމަށް ބައެއް ތަޖުރިބާކާރުން ބުނޭ. މިހެން ވެއްޖެ ނަމަ އިންވެސްޓަރުންގެ އިތުބާރު އިތުރަށް ގެއްލި ފައިސާ ހޯދުމަށް އިތުރު ދަތިތަކެއް ކުރިމަތިވާނެ،" ނަޝީދު ލިޔުއްވާފައިވެ އެވެ.

ފިޗްއާއި މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައިވާކަން ފާހަގަކުރައްވަމުން ނަޝީދު ވަނީ ރާއްޖެއިން އިތުރު 500 މިލިއަން ޑޮލަރުގެ ސުކޫކެއް ގަންނަން އިންވެސްޓަރުން މިހާރު ޝައުގުވެރިވާނެ ކަމާމެދު ޝައްކު އުފެދޭ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ރާއްޖެއަށް މާލީ ގޮތުން ދިމާވެފައިވާ ގޮންޖެހުންތަކާއި ބޮޑު ދަރަނީގެ ސަބަބުން އިންވެސްޓަރުން އިތުރަށް ފައިސާ ދޭން ފަސްޖެހުން އެކަށީގެންވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. އަދި ރާއްޖެއަށް މިކަމުން އަރައިގަނެވެން އޮތީ ސަރުކާރުގެ އިގުތިސާދީ ރިފޯމް އެޖެންޑާ އަދި ދަރަނި މެނޭޖުކުރުމަށް ސަރުކާރުން ކުރާ މަސައްކަތާއި މެދު އިންވެސްޓަރުން ހިތްހަމަޖެހޭނަމަ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ސުކޫކު ރިފައިނޭންސް ނުކުރެވިދާނެ ކަމުގެ ބިރު ނަޝީދު ފާޅުކޮށްފައިވާއިރު، ރިފައިނޭންސިންގެ ވާހަކަތަކާއެކު ރާއްޖޭގެ ސުކޫކު ދުނިޔޭގެ ބާޒާރުގައި ޓްރޭޑުކުރަމުން އަންނަ އަގު މައްޗަށް ވެސް ދިޔަ އެވެ.

މިހާރު ރާއްޖޭގެ ސުކޫކު ޓްރޭޑު ކުރަމުންދިޔައީ ޑޮލަރަކަށް 92.53 ސެންޓުގަ އެވެ. ސުކޫކުގެ އަގު މައްޗަށް ގޮސްފައި މިވަނީ ދުވަހަކު ނުވެއްޓޭހާ ދަށަށް ދިޔުމަށްފަހު އެވެ.

ސުކޫކަކީ އިސްލާމީ ފައިނޭންސިން އުސޫލުތަކަށް ފެތޭ، އިންޓްރެސްޓް ދައްކަން ނުޖެހޭ ބޮންޑެކެވެ. ސުކޫކު ވިއްކާއިރު، އެއާ ގުޅިފައިވާ އެސެޓަކުން ނުވަތަ މަޝްރޫއަކުން އިންވެސްޓަރުންނަށް ފައިދާ ލިބޭނެ އެވެ. އަދި ސުކޫކުގެ މުއްދަތު ހަމަވުމުން، އިންވެސްޓަރުން ފުރަތަމަ ދެއްކި ޖުމްލަ ފައިސާގެ އަދަދު، އަނބުރާ ދައްކަން ޖެހޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް