
އެމަނިކުފާނު މިހެން ވިދާޅުވީ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މުލަކަތޮޅު މުލީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ހަތް އާބަން ސެންޓަރުގެ ތެރެއިން މިހާރު ޑޮލަރު އޭޓީއެމް ނެތް ސަރަހައްދާއި، ޑޮލަރު އޭޓީއެމް ނެތް ސިޓީތަކުގެ އިތުރަށް ރާއްޖޭގައި ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ރަށްތައް ތަރުތީބުން ހިމަނައިގެން، ޖުމްލަ 40 ރަށެއްގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަށް ބޭންކް އޮފް މޯލްޑިވްސް އަށް މިހާރު އަންގަވާފައިވާ ކަމަށެވެ. މި މަސައްކަތް ބޭންކް އޮފް މޯލްޑިވްސް އިން އަންނަ އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ފުރިހަމަކޮށް ނިނިންމާނެކަމަށްވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ ދުވަސްކަމަށްވާ، މިއަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ ޕީއޯއެސް ޓާމިނަލްތަކުން ފައިސާދެއްކޭ އަދަދު 1000 ޑޮލަރަށް އިތުރުކުރަން ނިންމާފައިވާކަންވެސް ރައީސް ވަނީ އިއުލާން ކުރައްވާފައެވެ. އަދި އެއާލައިންތަކުން ޓިކެޓްގަތުމާއި، ރާއްޖެއިން ބޭރުން ހޮޓާތަކަށް ފައިސާދެއްކޭ އަދަދު 3000 ޑޮލަރަށް އިތުރުކޮށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ފަރާތްކަށް، ބޭންކުގައި އެދުމުން އެ ފައިސާ ހޮސްޕިޓަލްތަކަށް ޑެބިޓްކާޑް މެދުވެރިކޮށް، ދެއްކޭނެ އިންތިޒާމް ހަޖެހިގެންދާނެ ކަމަށްވެސް ރައސް މުއިއްޒު ވިދާޅުވިއެވެ.
ޗައިނާ ފައިސާ، ޔޫއާން އިން އެކައުންޓް ހުޅުވޭނެ އިންތިޒާމް ބޭންކް އޮފް މޯލްޑިވްސްއިން ހަމަޖެއްސިކަން ފާހަގަކުރައްވައި، ރައީސް މުއިއްޒު ވިދާޅުވީ އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޗައިނާގެ ފައިސާގެ އެކައުންޓްތަކަށް ހާއްސަ، އަދި 180 އަށް ވުރެ ގިނަ ގައުމުގައި ބޭނުންކުރެވޭ ކާޑެއްކަމަށްވާ، ޔޫނިއަން ޕޭ ގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ތައާރަފުކުރެވިގެންދާނެކަމަށެވެ.
މިކަންކަމުގެ ސަބަބުން އަގުބޮޑުކޮށް ޑޮލަރު ގަތުމުގެ މައްސަލައަށް ހައްލު ލިބި، ރާއްޖޭގެ އިގްތިސާދަށް އެކަމުގެ ހެޔޮ ނަތީޖާ ލިބިގެންދާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.