
މި އެކްސިޑެންޓުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ 21 ވަނަ ދުވަހުގެ ރޭ 9:30 އެހައިކަންހާއިރު ކަމަށް ޕޮލިހުން މައުލޫމާތުދެ އެވެ.
ހުޅުމާލެ ފޭސް 2 ހިތިގަސްމަގު، އެމްއޭސީއެލް ޓަވަރު ކައިރިން މަގު ހުރަސްކުރި 63 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގައި ކާރުންޖެހި އެ މީހާ ވެއްޓުމުން ކާރު ވަނީ މަޑުނުކޮށް އެ ސަރަހައްދުން ގޮސްފަ ކަމަށް އެ އިދާރާއިން ބުނެ އެވެ.
މި އެކްސިޑެންޓުގައި އަނިޔާވި މީހާގެ އެއްފައިގެ ކަށިމަތި ވަނީ ބިންދައިގެން ގޮސްފައި ކަމަށް ޕޮލިހުން ހާމަކުރެ އެވެ. އެ މީހާއަށް ފަރުވާދެމުންދަނީ އައިޖީއެމް ހޮސްޕިޓަލުގަ އެވެ.
މި މައްސަލައާ ގުޅިގެން، ސީސީޓީވީ ފުޓޭޖު ބަލައި އެ ކާރު ހޯދައި ކާރު ދުއްވި މީހާ، ޏ. ފުވައްމުލައް / ދަޑިމަގު. ނައިސް، ހާލިދު އަބްދުﷲ އަލީ (57އ) ވަނީ ހައްޔަރުކޮށްފަކަމަށް އެ އިދާރާއިން މައުލޫމާތުދެ އެވެ.
ނައިސް ހައްޔަރުކޮށްފައިވަނީ މި ސެޕްޓެންބަރު މަހުގެ 22 ވަނަ ދުވަހު ކޯޓު އަމުރެއްގެދަށުންނެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.