
އަމީރު މިހެން ވިދާޅުވީ މިއަދު މެންދުރު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އަމީރު ވިދާޅުވީ، މަޝްރޫއު ޓެންޑަރުކުރުމުގެ ކަންކަން ކުރިއަށްދަނީ އެތައް މަރުހަލާތަކެއް ކަޑައްތުކޮށްފައި ކަމަށާއި 2022 ވަނަ އަހަރު ޓެންޑަރަށް ހުޅުވާލި މަޝްރޫއުތައް 2023 ވަނަ އަހަރު ކުރެވިފަ ހުރެދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ހަވާލުކުރެވުނު 31 މަޝްރޫއުގެ ތެރެއިން ގިނަ މަޝްރޫއުތަކުގެ މަސައްކަތް ފަށާފައިވަނީ ކުރީ އަހަރު ކަމަށްވެސް އަމީރު ވިދާޅުވި އެވެ.
އަމީރު ހާމަކުރެއްވި ގޮތުގައި، 2023 ވަނަ އަހަރު ޖުމްލަ 202 މަޝްރޫއު ހަވާލުކޮށްފައިވާއިރު، އޭގެ ތެރެއިން 103 މަޝްރޫއު ހަވާލުކުރެވިފައިވަނީ ޖުލައި މަހާއި ނޮވެމްބަރު މަހާ ދެމެދުގަ އެވެ. މި މަޝްރޫއުތަކުގެ ޓެންޑަރުގެ މަސައްކަތްވެސް ފަށާފައިވަނީ އެތައް މަސްދުވަސް ކުރިން ކަމަށް ވެސް އަމީރު ވިދާޅުވި އެވެ. އެއް މަޝްރޫއެއް އެތައް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައިވާ ކަމަށް ބުނާ ދައުވާތައް އަމީރު ދޮގުކުރެއްވި އެވެ. އަދި ޖުލައި މަހުން ފެށިގެން ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ ލިސްޓަށް ބައްލަވައިލެއްވުމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އެޑްވާންސް ފައިސާ ދޫކޮށްފައިވަނީވެސް ފައިނޭންސް ގާނޫނާއި ގުޅުންހުރި ގަވާއިދުތަކާ އެއްގޮތަށް ކަމަށް އަމީރު ވަނީ ވިދާޅުވެފަ އެވެ. އަމީރު އިތުރަށް ވިދާޅުވީ، 2019 އިން ފެށިގެން 2023 އާ ދެމެދުގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ގިނަ ދަތިކަންތައްތަކެއްގެ ތެރެއިން ކަމަށެވެ. އަދި 2024 ވަނަ އަހަރުގެ ބަޖެޓުވެސް ފާސްކޮށްފައިވަނީ ހަމަ މިފަދަ އުސޫލުތަކަކަށް ކަމަށް އަމީރު ވިދާޅުވި އެވެ.
ވެރިކަމަށް އައި ސަރުކާރަށް، ބަދަލުވުމުގެ މަރުހަލާގައި 2024 ވަނަ އަހަރުގެ ބަޖެޓަށް ބަދަލުތައް ގެނައުމުގެ ފުރުސަތު ދެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އެއްވެސް ކޮންޓްރެކްޓަރަކަށް ނާންގާ މަޝްރޫއެއް ހަވާލުކޮށް، އެ މަޝްރޫއުގެ މަސައްކަތް ފަށާފައިވާ ކަމަށް އަމީރު ވަނީ ތުހުމަތުކޮށްފަ އެވެ. ސަރުކާރު ކުންފުންޏަކަށް އޮޅުވާލުމުގެ ގޮތުން ހުސް އެގްރިމަންޓެއްގައި ސޮއިކޮށްފައިވާ ކަމަށްވެސް އަމީރު ވަނީ ތުހުމަތުކޮށްފަ އެވެ.