
އުމުރުފުޅުން 82 އަހަރުގެ އަބްދުލްއަޒީޒް އަވަހާރަވީ މިއަދުގެ ވަގުތެއްގައެވެ.
އަބްދުލްއަޒީޒުގެ މައްޗަށް ގައިބުގައި ރާއްޖޭގައި ވެސް ކަށު ނަމާދު ކުރަން ވަނީ ނިންމާފައެވެ. ނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ.
އަބްދުލްއަޒީޒުގެ ކަށުނަމާދު ސައުދީގައި މިއަދު ކުރަން ހަމަޖެހިފައިވަނީ މިއަދުގެ އަސްރު ނަމާދަށްފަހު ރިޔާދުގައި ހުންނަ އިމާމް ތުރްކީ ބިން އަބްދުالله މިސްކިތުގައެވެ.
އޭގެއިތުރުން މައްކާގެ ހަރަމްފުޅާއި މަދީނާގައި ހުންނަ ކީރިތި ރަސޫލާގެ މިސްކިތް، މަސްޖިދުއް ނަބަވީ އަދި ސައުދީގެ ހުރިހާ މިސްކިތެއްގައި ޝައިހްގެ މައްޗަށް ގައިބަށް ކަށު ނަމާދު ކުރުމަށް އެ ގައުމުގެ ރަސްގެފާން ސަލްމާން ބިން އަބްދުލްއަޒީޒު ވަނީ އަންގަވައިފައެވެ.
ޝައިހް އަބްދުލްއަޒީޒަކީ ސްކޮލާލީ ރިސާޗް އެންޑް އިފްތާގެ އާންމު ރައީސްގެ މަގާމާއި މުސްލިމް ވޯލްޑް ލީގް (ރާބިތަތުލް އާލަމީލް އިސްލާމީ)ގެ ސުޕްރީމް ކައުންސިލްގެ ޗެއާމަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
މީގެއިތުރުން އަބްދުލްއަޒީޒް ވަނީ އެތައް އަހަރެއް ވަންދެން އަރަފާތުގެ މާތް ބިމުގައި ހައްޖުގައި ހުތުބާވެސް ދެއްވާފައިވެއެވެ
ސައުދީގެ އެންމެ މަތީ މުފްތީގެ މަގާމަށް ޝައިހް އަބްދުލްއަޒީޒް އައްޔަން ކުރެއްވީ 1999ގައެވެ. އޭރު އެ މަގާމުގައި ކުރިން ހުންނެވި އަބްދުލްއަޒީޒް ބިން ބާޒް އަވަހާރަވުމާއި ގުޅިގެންނެވެ.