
މިއަދު ރާއްޖެ އިސްލާމްވިތާ 899 އަހަރު ފުރޭނެ އެވެ. އެ މުނާސަބަތާ ގުޅިގެން މިރޭ ރައީސް ވަނީ ހިތޯބެއް ނެރުއްވައިފަ އެވެ.
ރައީސް ވިދާޅުވީ އަންނަ އަހަރުގެ މި ދުވަހަކީ މުހިންމު މުނާސަބާއެއް ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ، މީގެ 899 އަހަރުކުރީން ރާއްޖެ އިސްލާމްވި ހާދިސާއިން ގިނަ އިބުރަތްތައް ހާސިލުވާ ކަމަށެވެ.
އެ މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރުމަށް މުޅި ރާއްޖޭގައި އިސްލާމީ އަދި ގައުމީ ރޫހު އާލާވާނެ އަދި އާއްމުންގެ ގުޅުން ބަދަހިކުރަން އެތައް ހަރަކާތެއް ހިންގަން ސަރުކާރުން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ، އިސްލާމްދީން ބިނާކޮށްދެނީ އަހުލާގު ރަނގަޅު ހެޔޮލަފާ އިންސާނެއް ކަމަށާއި، ކީރިތި ރަސޫލާ ނަބަވީ ރިސާލަތު ފެތުރުއްވުމުގައި އެންމެ ގިނަ ވަގުތު ހޭދަކުރެއްވީ، އިސްލާމީ އަގީދާއާއި ރިވެތި އުޅުމާއި މުޢާމަލާތު ދަސްކޮށްދެއްވުމުގައި ކަމަށެވެ.
ރާއްޖޭގެ ކަންކަން ހެޔޮ މަގުން ހިންގުމުގައި ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ، ގައުމަށް އުމްރާނީ ތަރައްގީ ގެންނަހެން ލަފާދާރު ދިވެހި ރައްޔިތެއް ބިނާކުރުމަށާއި ތައުލީމާއި ތަރުބިއްޔަތު ދަރީންނަށް ދިނުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، އެކަކު އަނެކަކާ ރީތި ބަހުން މުހާތަބުކޮށް، ދީނަށް ލޯބިކުރާ، އެއްބައިވަންތަ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުން ހިމެނޭކަން ފާހަގަކުރެއްވިއެވެ.
އެއާއެކު، ދިވެހީންނާމެދު އެކި ދިރާސާތައް ކުރެއްވި ބޭރުގެ މުއައްރިހުންނާ ހަވާލާދީ ރައީސް ފާހަގަކުރެއްވީ، ހަގީގަތަކީ ދިވެހީންނަކީ މެހުމާނުންނަށް ކަމޭހިތާ، އަމާންކަމާއި ހަމަޖެހުން ނަގަހައްޓައި، ސާފުތާހިރު، އުޅުންހުރި، ބައެއް ކަމަށެވެ.
މި ވޭތުވެދިޔަ ނުވަ ގަރުނުގެ ތެރޭ، ދިވެހީންނާ މެދު އެކި ދިރާސާތައް ކުރެއްވި ބޭރުގެ މުއައްރިހުން އެއްބަސްވާ އެއް ހަގީގަތަކީ، ރައީސް ވިދާޅުވިގޮތުގައި، ދިވެހިންނަކީ މެހުމާނުންނަށް ކަމޭހިތާ، އަމާންކަމާއި ހަމަޖެހުން ނަގަހައްޓާ، ސާފުތާހިރު، އުޅުންހުރި، ގޮތްހުރި ބައެއް ކަމެވެ.
ރާއްޖޭގެ ރީތިކަން އެތައް ގުނައަކަށް ބަބުޅާ ވިދަނީ އަދި ރާއްޖޭގެ ހިތްގައިމުކަން ދެވަނައެއް ނެތް މިސާލެއްގެ ގޮތުގައި ދުނިޔެއަށް ފެންނަނީ ދިވެހިންގެ ކިބައިގައި ޒަމާނުއްސުރެ އަށަގެންފައިވާ އިސްލާމީ އަހުލާގުގެ ރީތި ސިފަތަކާ ވެސް އެކު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.