މި ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. އަތޮޅަށް ކުރައްވަމުން ގެންދާ ދަތުރު ފުޅުގައި ކަނޑޫދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެމަނިކުފާނުގެ އަރިހުގައި ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބާއި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި، ރައީސް ވަނީ ކަނޑޫދޫ ކައުންސިލަށް ހަނދާނީ ފިލައެއް އަރުވާފައެވެ. މި އާ ހިދުމަތާއެކު، ކަނޑޫދޫގެ ރައްޔިތުންނަށް 24 ގަޑިއިރުގެ ތެރޭގައި ފައިސާ ނެގުމާއި، ޖަމާކުރުމާއި، އަދި ފައިސާ ފޮނުވުން ފަދަ އަސާސީ ބޭންކިންގ ހިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެ އެވެ.
ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން، މިހާތަނަށް އޭޓީއެމް ގާއިމުކުރެވިފައިނުވާ ރަށްރަށުގައި އޭޓީއެމް ބެހެއްޓުމާއެކު، މުޅި ދިވެހިރާއްޖޭގައި ބީއެމްއެލްގެ 250 އަށްވުރެ ގިނަ އޭޓީއެމް ގާއިމުކުރުމެވެ. މި މަޝްރޫއުގެ ސަބަބުން، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ރައްޔިތުންނަށް ޒަމާނީ ބޭންކިން ހިދުމަތްތަކުގެ ފައިދާ ލިބި، މާލީ ހިދުމަތްތަކަށް ވާސިލުވުމުގެ ފުރުސަތު އިތުރުވެގެންދާނެ އެވެ.