ހައިކޯޓުގެ ފަނޑިޔާރު ކަމަށް ފެމިލީ ކޯޓުގެ އިސްގާޒީ އިބްރާހިމް މާހިރު އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ މިއަދު އެވެ.
ހައިކޯޓުގެ ބެންޗުގައި ހުސްކޮށް އެއް މަގާމު އޮތް އިރު، އެ މަގާމަށް އައްޔަން ކުރަން ޖޭއެސްސީން ފުރަތަމަ ނިންމީ މުހައްމަދު ޝަހީދެވެ. އޭނާ ވަނީ ހުވައި ކުރުން އޮތް ދުވަހު ނަން އަނބުރައި ނަންގަވާފަ އެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މާހިރު އައްޔަންކުރަން ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ޣަނީ ވިދާޅުވީ ފަނޑިޔާރުކަމުގެ ޒިންމާއަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި ވަރަށް ގިނަ އުސޫލުތަކެއް ފަނޑިޔާރުން ހިފަހައްޓަން ޖެހޭ ކަމަށެވެ. ފަނޑިޔާރުންނަކީ އެހެން މީހުންނަށް ނަމޫނާއެއް ދައްކާ ބަޔަކަށް ވާންޖެހޭ ކަމަށާއި އެހެންވެ، ހުރިހާ ކަމެއްގައި ވެސް ވަރަށް ގިނަ ހިފެހެއްޓުންތައް ފަނޑިޔާރުން ގެންގުޅެންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މާހިރަކީ ފެމިލީ ކޯޓުގެ އިސްގާޒީގެ އިތުރުން، ފެމިލީ ކޯޓުގައި މަސައްކަތް ކުރައްވާ ގާޒީންގެ ތެރެއިން އެންމެ ގިނަ ދުވަހު އެތަނުގައި މަސައްކަތް ކުރެއްވި ގާޒީއެވެ.
ހައި ކޯޓުގެ ފަނޑިޔާރަކަށް މާހިރު އައްޔަން ކުރައްވައި ލިޔުން ހަވާލު ކުރައްވަނީ - ފޮޓޯ: ޖޭއެސްސީ
ގާޒީ މާހިރު ފަނޑިޔާރު ކަމުގެ މަގާމަށް އެންމެ ފުރަތަމަ ވަޑައިގަތީ 9 ނޮވެމްބަރު 2005 ގަ އެވެ. އެގޮތުން އެންމެ ފުރަތަމަ ހުންނެވީ މަދަނީ ކޯޓުގެ ގާޒީ ކަމުގެ މަގާމުގަ އެވެ. އޭގެފަހުން ފެމިލީ ކޯޓުގެ ގާޒީ ކަމަށް ބަދަލުވެފައިވަނީ 23 މޭ 2010 ގަ އެވެ. އަދި އެ ކޯޓުގެ އިސް ގާޒީގެ މަގާމަށް އައްޔަނު ކުރެއްވީ 2022 އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.
ޖުމުލަ 11 ފަނޑިޔާރުން ތިއްބަވާ ހައިކޯޓުގައި މިވަގުތު ތިއްބެވީ 10 ފަނޑިޔާރުންނެވެ. އެ ކޯޓުގެ ފަނޑިޔާރުކަމަށް އެންމެފަހުން އައްޔަނު ކުރީ ސިވިލް ކޯޓުގެ ފަނޑިޔާރު، އަބްދުﷲ ޖަމީލެވެ.