ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ މީޑިއާ ކޮމިޝަނަށް ކުރިމަތިލުމުގެ ފުރުސަތު އޮކްޓޫބަރު 4 އާ ހަމައަށް ހުޅުވާލާފައިވާއިރު އިންތިހާބަށް ކުރިމަތިލުމަށް އެދި ރެކޯޑު ސާފުކުރަން ހުށަހަޅާ ފަރާތްތަކުގެ ރެކޯޑު ސާފުކުރުމުގެ މަސައްކަތް ވީއެންމެ އަވަހަކަށް ނިންމުމަަށް ކޯޓުތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރެކޯޑު ސާފުކުރަނީ އޮޓޮމޭޓަޑް ސެންޓްރަލް ޑޭޓާ ބޭސްއަކުން ކަމަށް ވިޔަސް މުޅި ރާއްޖޭގެ ހުރިހާ ކޯޓެއްގައި ހުރި ކުށުގެ ރެކޯޑުތައް، ރެކޯޑު ޕޯޓަލަށް އަޅައި އަޕްޑޭޓްކުރެވިފައި ނުވާ ކަމަށް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުންޏެެވެ. ރެކޯޑު ސާފުކުރުމަށް އެދި ހުށަހަޅަންޖެހޭނީ ޑިޕާޓްމަންޓުގެ ރެކޯޑު ޕޯޓަލް records.judiciary.gov.mv މެދުވެރިކޮށެވެ.
ގާނޫނުގެ ދަށުން އެކުލަވާލާ ހަތް މެންބަރުންގެ ކޮމިޝަނަށް ތިން މެންބަރުން އަދި ކޮމިޝަނުގެ ރައީސް އައްޔަންކުރުމުގެ ކުރުމުގެ ބާރު ލިބެނީ ރައްޔިތުންގެ މަޖިލީހަށެވެ. އަނެއް ހަތަރު މެންބަރުން އިންތިހާބު ކުރާނީ މީޑިއާތަކުންނެވެ.
އޭގެ ތެރޭ ބްރޮޑްކާސްޓަރުން ތަމްސީލު ކުރާ ދެ މެންބަރުން އަދި އެހެން މީޑިއާތައް ތަމްސީލު ކުރާ ދެ މެންބަރުން ހިމެނޭނެ އެވެ. ކޮމިޝަންގެ ހުރިހާ މެމްބަރުން ވެސް ވަކި ކުރުމުގެ ބާރު ގާނޫނުން ދީފައި ވަނީ ރައްޔިތުންގެ މަޖިލިހަށެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ އިންތިހާބު 2025 ގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 11ވާ ހޮނިހިރު ދުވަހުގެ 09:00 އިން 16:00 އަށެވެ.
މީޑިއާ ކޮމިޝަނަށް ކުރިމަތިލާން ހުޅުވާލިއިރު އެ ގާނޫނު މަޖިލީހުން ފާސްކޮށް ތަސްދީގު ކުރީ ވެސް އެކަމާ ދެކޮޅަށް ނޫސްވެރިން އަޑުއުފުލަމުން ދަނިކޮށެވެ. ރާއްޖޭގެ ގިނަ މީޑިއާ ތަކެއް ތަމްސީލުކުރާ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) ވަނީ މި ގާނޫނަށް އަމަލު ނުކުރާނެ ކަމަށް ބުނެފަ އެވެ. އަދި މި ގާނޫނޫގެ ދަށުން ބާއްވާ އިންތިހާބު ވެސް ބޯއިކޮޓް ކުރާނެ ކަމަށް އެމްޖޭއޭ ވަނީ ބުނެފަ އެވެ.