މިޔަރުގެ މަސްވެރިކަމަށް ހުޅުވާލުމަކީ ކުޅުދުއްފުށިން އެކި ސަރުކާރުތަކުގައި ޑިމާންޑް ކުރަމުންދިޔަ ކަމެކެވެ. ދޮށީގެ މަސްވެރިކަން ކުރާ ފަރާތްތަކުން ވެސް މިޔަރު ގިނަ ކަމަށް ބުނެ، އެ ބާނަން ހުއްދަ ދޭން އެކި ފަހަރު މަތިން ސަރުކާރުގައި އެދިފައިވެ އެވެ.
ނަމަވެސް، އެކަމަކީ ތިމާވެއްޓާ ގުޅޭ ޖަމިއްޔާތަކާއި ލޯކަލް ޓޫރިޒަމްގެ ބައެއް ފަރާތްތަކުން އެކަމާ ކަންބޮޑުވުން ފާޅުކުރެ އެވެ.
މީގެކުރިން ސަރުކާރުން ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަމަށް ހުޅުވާލަން ނިންމައި، "ބައިކެޗް"ގެ ގޮތުގައި ހިފޭ މިޔަރު ޕްރެސެސް ކުރަން ހުއްދަ ދޭން ނިންމުމާ އެކު ވެސް ވަރަށް ބޮޑަށް ސަރުކާރުން ފާޑުކިޔުން އަމާޒުވެގެންދިޔަ އެވެ. އެކަމާ ގުޅިގެން އެންމެފަހުން ސަރުކާރުން ނިންމީ ލޭނު މަސްވެރިކަމަށް ހުއްދަ ނުދިނުމަށެވެ.
ނަމަވެސް އޮގަސްޓް 26 ވަނަ ދުވަހު ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް މުއިއްޒު ވިދާޅުވީ ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންނަކީ ކުރީ ޒަމާނުގައި ވެސް ކަށި މިޔަރުގެ މަސްވެރިކަން ކުރި ބައެއް ކަމަށާއި ވަރަށް ބޮޑު އާމްދަނީއެއް އެކަމުން ލިބިގެން ދިޔަ ކަމަށެވެ. ނަމަވެސް ގަވައިދުތަކަށް ގެނެވުނު ބަދަލުތަކާއި އަދި އެހެނިހެން ކަންކަމާހެދި މިހާރު ހުއްޓިފައިވާކަން ފާހަގަކުރައްވަމުން ރައިސް ވިދާޅުވީ އަންނަ ނޮވެމްބަރުގައި އެކަމުގެ ހުއްދަ ދޭނެ ކަމަށެވެ.
އެހެންވެ، އެކަމުގައި ދެވަނަ ވިސްނުމަކަށް ދިއުމަށް އެދި ރައީސް މުއިއްޒަށް ފޮނުވަން ސޮއިކުރަމުން އަންނަ އެ ޕެޓިޝަނަށް، ކަނޑުތަކާއި އޭގެ ދިރުން ހިމާޔަތްކުރުމުގައި ވަކާލާތު ކުރަމުން ގެންދަވާ މަޝްހޫރު ނަންތަކުގެ ތެރޭގައި ހިމެނޭ ޑރ. ސިލްވިއާ އާލް، ޑރ. އެލެކްސް މަސްޓާޑް، ޑޭވިޑް ޑައުބިލެޓް، ޖެނިފާ ހޭޒް، އަދި ހަވާޑް އެންޑް މިޝެލް ހޯލް ހިމެނެ އެވެ. އަދި ކުރީގެ ރައީސް ނަޝީދު ވެސް ވަނީ ޕެޓިޝަނަށް ތާއީދުކުރައްވައިފަ އެވެ.
އެ ޕެޓިޝަނުގައި ފާހަގަކުރާ ގޮތުގައި މިޔަރުގެ މަސްވެރިކަން މަނާކޮށްފައި އޮތް އޮތުން ދެމެހެއްޓުމަކީ ރާއްޖޭގެ ރީތި ނަން ދަމަހައްޓައި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ގުޅިގެން ދުނިޔޭގެ އެކި ބައްދަލުވުންތަކުގައި ރާއްޖެއިން ވަކާލާތުކުރުމަށް ވެސް ބާރު ލިބޭނެ ކަމެކެވެ.
އިނގިރޭސިވިލާތުގެ "ޝާކް ގާޑިއަން" އިން ވެސް ވަނީ މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މިޔަރުގެ މަސްވެރިކަން ރެގިއުލޭޓް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ފާހަގަކޮށްފަ އެވެ. އަދި މިޔަރަކީ ރާއްޖޭގެ މުރަކަތަކާއި ފަރުތަކުގެ ސިއްހަތު ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެއް ކަމަށްވާތީ، މި ނިންމުމާމެދު އަލުން ވިސްނުމަށް ގޮވާލާފައި ވެއެވެ.
ބައެއް ސިނާއަތްތަކާ ގުޅޭ ގޮތުން ސަރުކާރުން ނިންމާފައިވާ ބައެއް ނިންމުންތައް އެ ސިނާއަތްތަކުގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ ކަންބޮޑުވުމާއެކު މީގެ ކުރިން ބަދަލުކުރައްވާފައި ވެސް ވެއެވެ. ނިންމުންތައް ނިންމަވައި އަނބުރާ ގެންދަވާތީ، އެކަމާ ގުޅިގެން މީގެކުރިން ވެސް ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވެއެވެ.