ads
ފެނަކަ ހިޔާނާތުން ބުނެ ދެނީ ކުންފުނިތައް ހިންގުން ހަރުދަނާވާނެ އާ އޮނިގަނޑެއް މުހިންމުކަން
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތް ފަޅާއަރުވާލީ އޭރުގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް އެވެ. އޭގެ ކުރިން ނިޔާޒު ވަނީ "ނުހައްގު ފައިސާ" ދައުލަތުގެ ތެރޭގައި އެބުރޭ ކަމުގެ "ވާހަކަ" އެއިރުގެ ވެރިންނަށް ހިއްސާ ކުރައްވާފަ އެވެ. ރާއްޖޭގައި ފަހުގެ ތާރީހެއްގައި ހިންގާފައިވާ އެންމެ ބޮޑު ކޮރަޕްޝަން، އެމްއެމްޕީއާރުސީގެ ބިލިއަން ރުފިޔާގެ ހިޔާނާތް، އެއިރުގެ ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށް ނިޒާރު ގަބޫލުކުރައްވަ އެވެ.
Advertisement

ނަމަވެސް ރައީސް ޔާމީން ވިދާޅުވަމުން ގެންދެވީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ޓުއަރިޒަމް މިނިސްޓަރަކަށް ހުންނެވިއިރު އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގުމުގެ ފުރުސަތު ލިބުނީ އެމަނިކުފާނުގެ ވެރިކަމުގެ ވައްޓަފާޅި ގެންގުޅުއްވާ ގޮތުން ނޫން ކަމަށެވެ.

އެއީ ނިޒާމުގެ މައްސަލައެއް ކަމަށާއި އެފަދަ ބޮޑު ހިޔާނާތެއް ހިނގާކަން ނިޒާމްގެ ތެރެއިން އެނގުނު ނަމަ ވަޒީރު ކަމުގައި ވެސް އަދީބު ނުބަހައްޓަވާނެ ކަމަށް 2018 ވަނަ އަހަރުގެ "ރިޔާސީ ބަހުސް" ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން އެއިރު ވިދާޅުވި އެވެ.

ކޮންމެ އަކަސް ޔާމީންގެ ވެރިކަން ނިމުނީ ދައުލަތުން ގެއްލުނު ފައިސާއާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް ނުހައްގުން ބަހާލި ފަޅުތަކާއި ރަށްތައް އަބުރާ ދައުލަތަށް ނުހޯދި އެވެ. ޔާމީނަށް ރާއްޖޭގައި ވެރިކަން ކޮށްލުމަށް އާ ދައުރެއް ނުލިބުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ވެސް އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ގައި "ތާށި" ވުމެވެ. އަދި ވެސް އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުން ދައުލަތަށް ލިބުނު މާލީ ގެއްލުމުގެ ކަރުނަ ދިވެހި އިގްތިސޯދީ ލޮލުގައި އަދިވެސް އެބަ ހިލެ އެވެ.

ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތު މައްސަލަ ބަލާ ދައުލަތުން ގެއްލުނު ފައިސާ އަބުރާ ދައުލަތަށް ހޯދައި ދެއްވުމުގެ ވައުދާ އެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަސް އަހަރުގެ ވެރިކަން ނިންމާލީ ކުރިން ހީ ކުރެވުނު ގޮތާއި މުޅިން ހިލާފަށް ސޯލިހުގެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް ސާބިތުވި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުއަށް މައާފްދީ މިނިވަން ކޮށްފަ އެވެ. ދައުލަތުން ގެއްލުނު ފައިސާ ހޯދައިދިނުމުގެ ވައުދާ އެކު ސޯލިހު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު، ވައްކަމުގައި ހިމެނޭ ބޮޑު ކުށްވެރިއަކު މިނިވަންކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފަ އެވެ.

ކޮންމެ އަކަސް ވައްކަން ހުއްޓުވަން ވެރިކަމަށް ވަޑައިގެންނެވި ސޯލިހުގެ ވެރިކަން ނިމުނު އިރު ދެން ކަންތައް ވެގެން ދިޔަގޮތް މިހާރު އެދަނީ ތިލަވަމުން ނެވެ. އެގޮތުން އިބޫގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރަކަށް ސައީދު ހުންނަވައިގެން، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތަކެއް ކުރަމުންދާ ކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 2021 ވަނަ އަހަރު ރައީސް ސޯލިހުގެ ސަމާލުކަމަށް ގެނަ އެވެ.

އޭސީސީގެ އޭރުގެ ރައީސް މަރިޔަމް ޝިއުނާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ފެނަކައާ ގުޅިގެން ހުށަހެޅި ބައެއް މައްސަލަތަކަށް ބަލާއިރު "ފެނަކަ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންކަން ހިނގަމުންދާކަން ކޮމިޝަނުގެ ތަހުގީގުތަކުން ފާހަގަކުރެވިފައިވާ ކަމަށެވެ. އެކަމަކު، އޭރުގެ ވެރިކަން ނިމުނުއިރު، އެ ކޮރަޕްޝަންގެ ތުހުމަތުތަކަށް ފިޔަވަޅެއް ނާޅަ އެވެ.

ނަތީޖާ އަކީ މިފަހުން ފެނަކައިގެ 2021-2023 ހާއްސަ އޮޑިޓަށް ފަހު އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ މި ފަހުން ނެރުއްވި ރިޕޯޓްގައިވާ ގޮތުން ސޯލިހްގެ ވެރިކަމުގައި ފެނަކައިން އެންމެ ތިން އަހަރުގެ ތެރޭގައި ދުވާލަކު ދެ މިލިއަން ރުފިޔާ ވައްކަންކޮށްފައިވާކަން ވަނީ ހާމަވެފަ އެވެ. މި ރިޕޯޓުގައި ގާނޫނާއި ފެނަކައިގެ ޕްރޮކިއުމަންޓް އުސޫލު އަދި ޕީސީބީގެ ގައިޑްލައިންތަކާ ހިލާފަށް ކަންކަން ކޮށްފައިވާ ކަމަށް ބުންޏެއެވެ. އޭގައި އޮތީ އެތައް ސަތޭކަ މިލިއަން ރުފިޔާގެ ވައްކަން ސޯލިހުގެ ސަރުކާރުން ފެނަކަ މެދުވެރިކޮށް ކުރި ކަމުގެ ވާހަކަ އެވެ. އެމްޑީޕީ ސަރުކާރުގެ ގާތް މީހުންނަށް ފައިސާ ބަހާ ބުރުއްސާލި ވާހަކަ އެވެ. އަދި އެ ފައިސާ ޖަމާވި ކުންފުނިތަކުން ނިމުނު ރިޔާސީ އިންތިހާބަށް މިލިއަނުން ހަރަދުކުރި ކަމުގެ "ހުތުރު" ވާހަކަ އެވެ.

ކުރީ ސަރުކާރުގައި ފެނަކައިން ކޮރަޕްޝަން ހިނގިއިރު އެވާހަކަ އޭރު ވެސް ގަދައަށް ދެކެވުނެވެ. ނަމަވެސް ކުންފުނީގެ ވެރިންނަށް އެ ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. އެހެންވެ މި ރިޕޯޓު އާންމުވުމާ އެކު އާންމުންނާއި ވާދަވެރިން ދަނީ އެމްޑީޕީއަށް ފާޑުކިޔަމުންނެވެ.

ޔާމީން ސަރުކާރުން ފެށުނު ވައްކަން ބަލަން ރައްޔިތުން ވޯޓު ދިނީ ސޯލިހު ސަރުކާރަށެވެ. ވައްކަން ނުހުއްޓުވި ވަގުން ގިނަވާން ފެށުމުން ރައްޔިތުން އަނެއްކާ ވެސް ބަދަލުކުރީ ވެރިމީހާ އެވެ. މިހާރު ހުރި މީހާގެ ހާލަތު ވެސް އިނގޭނީ ވެރިކަމުގައި ނެތް ޒަމާނަކުން ނެވެ. އެއީ ރާއްޖެ މިއަދު ބުނެދޭ ހަގީގަތެވެ. ވެރިކަމުގައި ތިބޭ ބައެއްގެ ވެރިކަމުގެ ދައުރުގައި ކުންފުންޏެއްގެ އޮޑިޓް ރިޕޯޓެއް އާންމު ކުރުން އެއީ އަދި މިހާތަނަށް ވެފައި ނެތް ކަންކަމެވެ. ކެޔޮ ކޭވަރި މި އިނގެނީ ބިތުފަންގި ނެނގޭ ދުވަހަކުން ނެވެ. އެއީ މިހާރުގެ ގޮތުން ނަމަ ފަސް އަހަރުން އެއް ފަހަރު އެވެ.

ރާއްޖޭން ވައްކަމާއި ކޮރަޕްޝަން ހުއްޓުވަން އެދޭ ނަމަ ބަދަލުވާން ވީ ރައްޔިތުންނަށް މިހާރު އޮތް ފަޅި ސިކުންތުގެ ވޯޓު ލުމުގެ ބާރެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޖަވާބުދާރީވާން މަޖުބޫރުވާނެ އޮނިގަނޑެކެވެ އަދި ރައްޔިތުން ބޭނުން ހިނދަކު ރައްޔިތުން ވޯޓްލައިގެން މަގާމުތައް ފުރާ މީހުންގެ މައްޗަށް ރިކޯލް ވޯޓް ނެގި އިންތިހާބީން އެ މީހުންގެ މަގާމުން ބޭރު ކުރެވޭނެ ބާރުވެރިކަމެކެވެ. 

ކޮންމެ ފަސް އަހަރަކުން އިންތިހާބު ކުރާ މީހާއަށް މުޅި ދައުލަތް ހިބަ ކުރެވޭގޮތަށް އޮތް ފުރުސަތު ބަދަލުނުކޮށް ބިލިއަނުން ގުނާލެވޭވަރަށް ކުރާ ވައްކަން ނުހުއްޓުވޭނެ އެވެ. ދިވެހިންނަށް މި ކުރެވޭހާ ވެސް ކަމަކީ ކޮންމެ ފަސް އަހަރަކުން ރަސްކަމެއް ގާއިމުކޮށް މުޅި ދައުލަތް ނޭނގި ނަމަވެސް މީހަކަށް ހިބަ ކުރެވެނީ އެވެ. އެހެން ދިމާވަނީ މަޖިލީހުގެ ކޮންޓްރޯލް ރައީސްކަމުގެ ހުވާ ކުރާ މީހާ އަށް ނުހަނު ފަސޭހަ ކަމާއެކު ހޯދޭ ގޮތަށް ދެން ހުރި އިންތިޒާމުތައް ހުންނާތީ އެވެ.

ފެނަކަގެ ކްރޮޕްޝަނުން އެ ބުނެދޭ ބުނެ ދިނުން ޔަގީން ވަނީ ދައުލަތުގެ ރައްކާތެރިކަން އޮތް ހިންގުމުގެ އޮނިގަނޑެއް ރާއްޖޭގައި ނެތް ކަމަށާއި މިހާރު އޮތް ގާނޫނު އަސާސީން ދައްކާ މަގުން ރާއްޖެ ހިންގަން އުޅެފިނަމަ ލިބޭނެ ގެއްލުން ބޮޑު ކަމެވެ. މަޖިލީސް މެމްބަރުންނަށް ހިތުހުރިގޮތަކަށް ކަންކަން ކުރެވިދާނެކަމުގެ އިހްސާސް ކުރެވޭ ކަމަށާއި ރައީސަށް ވެސް އޭނާގެ ދައުރުގައި އޭނާ ބޭނުން ގޮތަކަށް ގައުމުގެ ކަންކަންކުރެވޭނެ ޔަގީންވާ ކަމުގެ ހެކިތައް ފެނަކަ ކަހަލަ ކުންފުނިތަކުގެ ކްރޮޕަޝަނުން އެ ދަނީ ފެނި ހާމަވަމުންނެވެ.

ވައްކަންތަކާއި ހިޔާނާތްތަކުން ސަލާމަވް ވެވެން އޮތީ މުޅި ރާއްޖޭގެ ހިންގުމަށް މިހާރު އޮތް އޮނިގަނޑު ބަދަލުކޮށް ގާނޫނު އަސާސީ އިސްލާހުކޮށްގެންނެވެ. އެ ގޮތުން ސަރުކާރާއި މުޅިން ވަކިން މިނިވަންކަމާ އެކު ދައުލަތުގެ އެސެޓްތައް ހާމަކޮށް ބަލަހައްޓާނެ ނިޒާމެއް އެކުލަވާލުމާއި އަދި ސަރުކާރުގެ ބައިވެރިވުން ނެތި ކުންފުނިތައް ރެގިއުލޭޓް ކުރެވޭނެ ހަރުދަނާ އޮނިގަނޑެއް ގާނޫނު އަސާސީން އެކަށައެޅުމާއި އިންތިހާބުގައި ވާދަ ނުކުރާ މީހުން އިސްވެތިބެ އިސްލާހީ ހަރަކާތެއް ފަށާ ރާއްޖޭގެ ހިންގުމުގެ އޮނިގަނޑު ބަދަލުކޮށް، ގާނޫނޫ އަސާސީ އަށް ބޮޑެތި ބަދަލު ތަކެއް ގެނެސް ގެންނެވެ.

މިހާރު ބޭނުން ވަނީ ނުލަފާ ވެރިން ރައްޔިތުންގެ ބައިތުލްމާލް ހުސްކޮށްލާ އެއިން ވައްކަން ކުރާ ނަމަ ރައްޔިތުންގެ ހަޒާނާ ސަލާމަތް ކުރެވޭނެ އަވަސް ފަރުވާއެއް އޮތް ހިންގުމުގެ އޮނިގަނޑެކެވެ. މިހާރު ބޭނުން ވަނީ، ގާނޫނު އަސާސީގައި ވަކިކޮށްފައިވާ ހުރިހާ ބާރުތަކެއް، ވެރިކަމުގަ ހުރި މީހާގެ ގަދަބާރުން ގާނޫނު އަސާސީ އާއި ހިލާފަށް، ވެރިމީހާގެ މުށުތެރެއަށް ޖަމާކޮށްގެން އުޅޭ އުޅުން ނިމުމަކަށް ގެނެވޭނެ އޮނިގަނޑެކެވެ. މަޖިލީހާއި ރައިސުލްޖުމްހޫރިއްޔާގެ އަޅުވެތިކަމުން މިނިވަންވެގެން އެ މީހުންގެ ނުފޫޒުން އެއްކިބައިވެގެން މިނިވަން މުއައްސަސާ ހިންގޭނެ އޮނިގަނޑެކެވެ.

މިކަން ކަމަށް ގޮވާލާ އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް "އެދޭ ރާއްޖެ" ހަރަކާތުން މިހާރު ވަނީ ވީހާ ވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް ގޮވާލައިފަ އެވެ. އެ ހަރަކާތުން ގޮވާލައި މައިގަނޑު ގޮވާލުންތަކުގެތެރޭގައި ހިމެނެނީ:


  • ރައްޔިތުންގެ ހައްގުތަކާއި ދައުލަތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ޕެޓިޝަން ހުށަހެޅޭނެ ނިޒާމެއް އުފަން ކުރުވައި، ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުންގެ ނިންމުންތައް ރިވައިޒް ކުރަން އެންގުމުގެ ދުސްތޫރީ ބާރުވެރިކަން ރައްޔިތުންނަށް ހޯދުމަށް 
  • ރައްޔިތުންގެ ސީދާ ވޯޓުން ސުޕްރިމް ކޯޓު ފަނޑިޔާރުންނާއި ޕޮލިސް ކޮމިޝަނަރާއި ޕްރޮސިކިއުޓަރު ޖެނެރަލާއި ބަންޑާރަ ނައިބު އައްޔަނު ކުރުމާއި ވަކި ކުރާގޮތަށް ހަމަޖެއްސުން
  • ދައުލަތާއި ސަރުކާރު ޖަވާބުދާރީ ކުރުމުގެ ނިޒާމް އަލުން ތަރުތީބުކޮށް، ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުން ހުށަހަޅާ މީހުންގެ މައްޗަށް މިނިވަން މުއައްސަސާތައް އެކުލަވާލުން

"އެދޭ ރާއްޖެ" ކެމްޕޭނުގެ ބޭނުމަކީ ފެހި ގާނޫނުއަސާސީން ތަސައްވުރުކުރި ރާއްޖެ ނުލިބި، ރައްޔިތުންގެ ބާރު ގެއްލުމުގެ ސަބަބުން އަލުން ރައްޔިތުން އެދޭ ރާއްޖެއަށް ދިއުމަށްޓަކައި ރައްޔިތުންގެ ހަރަކާތަކަށް މަގުފަހި ކުރުމެވެ. އިޖުތިމާއީ އަދި ސިޔާސީ ނިޒާމުން ނަޒާހަތްތެރިކަން ގެއްލި، ކޮރަޕްޝަނާ ފަސާދައަކީ އާންމުވެފައިވާ އަދި އާދައިގެ ކަމަކަށް ވަމުންދާތީ އެކަން ހުއްޓުވުމަށް ރައްޔިތުން ބާރުވެރި ކުރުވުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް