ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް އިން ބުނީ މި އުސޫލުގެ މަގްސަދަކީ ރާއްޖޭގައި ފަންނުވެރި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި މަސައްކަތްކުރާ ދާއިރާތައް ދެނެގަނެ، އެ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމުކޮށްދީ، ފަންނުވެރިން ތަރައްގީކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބުނެފައިވެ އެވެ.
ޕާފޯމިން އާޓްސްގެ ތެރޭގައި ހިމެނެނީ މިއުޒިކާއި ނެށުމާއި ތިއޭޓާ އާއި ކުޅިވަރާއި ބޮޑުބެރާއި ބަނޑިޔާ ޖެހުން ފަދަ ސަގާފީ ކުޅިވަރުތަކެވެ. އަދި ވިޝުއަލް އާޓްސްގައި ހިމެނެނީ ޕެއިންޓިން އާއި ކުރެހުމާއި ކެލިގްރަފީ އާއި ރިހިނެގުން (ސްކަލްޕްޗާ) އާއި ފޮޓޯގްރަފީ އާއި ޑިޖިޓަލް އާޓް ފަދަ ކަންކަމެވެ.
އެ އުސޫލުގެ ދަށުން ދަފްތަރުކުރުމަށް ހުށަހެޅޭނެ ޝަރުތުތަކެއް ވެސް ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި އުމުރުން 18 އަހަރުވެފައިވާ އަދި 18 އަހަރުނުވާ ނަމަ ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން ހުށަހަޅަން ޖެހެ އެވެ. އެންސީއޭގެ ވެބްސައިޓު މެދުވެރިކޮށް އެކަމަށް އެދި ހުށަހަޅާ ފަރާތްތަކަށް ދަފްތަރު ކުރެވިފައިވާކަން އަންގައިދޭ ލިޔުމެއް ދޭނެ ކަމަށް ވެސް އުސޫލުގައިވެ އެވެ.
އެ ދަފްތަރު އަހަރަކު އެއް ފަހަރު އަޕްޑޭޓްކުރާނެ ކަމަށާއި ނުކުރާ ނަމަ ދަފްތަރުން އިންއެކްޓިވް ކުރާނެ ކަމަށް ބުންޏެެވެ. އަދި ދަފްތަރުގައި ހިމެނޭ މީހުންގެ މައުލޫމާތު ސިއްރުކުރަން ޖެހެ އެވެ.