މިހާރު ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގައި ރާއްޖޭގެ ފަރާތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ގައުމުތަކުގެ މެދުގައި ހަމަހަމަ ކަމާއެކު ބައިނަލްއަގްވާމީ ގާނޫނު ނުހިނގާތީ އެކަމުގެ ކަންބޮޑުވުން އިންތިހާ އަށް އޮތްކަން ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން އިޒްރޭލުން ގާޒާގައި ހިންގަމުންދާ ގަތުލުއާންމަކި އެފަދަ ސާފު މިސާލެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހަލީލް ވިދާޅުވީ އިޒްރޭލުގެ ޖަރީމާތައް ހުއްޓުވަން ނުކުޅެދުމުގެ ސަބަބުން އެ އަނިޔާވެރިކަން ގަތަރާއި ސީރިއާ އާއި ޖޯޑަނާއ ޔަމަނު އަދި އީރާނާ ހަމައަށް ވެސް ފޯރާފައިވާ ކަމަށެވެ. އަދި މިއީ ގާނޫނަށް ވުރެ ބާރާއި ނުފޫޒުގެ އަޑުގަދަވާ ނަމަ އެއްވެސް ގައުމެއްގެ ބޯޑަރަށް ސަލާމަތެއް ނެތްލަން ދައްކުވައިދޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
އެހެންވެ މިނިސްޓަރު ވަނީ އދ. ގެ އޮނިގަނޑު އިސްލާހުކޮށް، ހަމަހަމަކަމާއި އިންސާފު ގާއިމުކުރުން އަވަސް ކުރަން ގޮވާލައްވައިފަ އެވެ.
މިފަދަ ގޮތަކަށް އދ. ގެ އޮނިގަނޑު އިސްލާހުކުރުމުގެ މައިގަނޑު ބޭނުމަކީ، ހަލީލް ވިދާޅުވި ގޮތުގައި، އދ. ގެ އިތުރުން ބައިނަލްއަގުވާމީ ނިޒާމަށް އޮތް އިތުބާރު އަލުން އިއާދަކުރުމެވެ.
ރައީސް މުއިއްޒު އދ. ގެ ސަލާމަތީ މަޖިލިހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވާއިރު ދިވެހި ވަފުދުގެ ބޭފުޅުން ފަހަތްޕުޅުގައި - ފޮޓޯ: ރައީސް އޮފީސް
ސަލާމަތީ މަޖިލީހުގެ ނިންމުންތައް އެ މަޖިލީހުގެ ދާއިމީ ފަސް މެންބަރުން ކަމަށްވާ އެމެރިކާ، ރަޝިޔާ، އިނގިރޭސި ވިލާތް، ފްރާންސް އަދި ޗައިނާ އިން ކުރެ ކޮންމެ ގައުމަކުން ވެސް ބޭނުންވެއްޖެ ނަމަ ވީޓޯކޮށް ބާތިލްކޮށްލުމުގެ ބާރު އޮންނާތީ އެކަމާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.
އެގޮތުން މިދިއަ އަހަރު އދ. ގެ ސަލާމަތީ މަޖިލީހުގައި ބައިވެރިވެވަޑައިގެން ދެއްވި ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ ގޮތުގައި ދުނިޔޭގެ ނިޒާމުގެ ތެރޭގައި އިތުބާރު ގެއްލި ޝައްކުތައް ގިނަވަމުން ދާއިރު އެންމެ ބޮޑު އެއް ސަބަބަކީ ސަލާމަތީ މަޖިލީހުގެ ނާގާބިލްކަމެވެ.
ގާޒާގައި ނަސްލު ނައްތާލުމުގެ އަމަލުތައް ހިނގާ ކަމަށް އދ. އިން ކަނޑައަޅާފައިވާ މިނިވަން ރެޕަޓުއާއިން ވިދާޅުވެފައި ވާއިރު އަދި އިޒްރޭލުން ފަލަސްތީނުގެ ބިންތަކުން ފައިބައި ބަދަލު ދޭންޖެހޭނެ ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ބުނެފައި ވާއިރު އެ ކަންކަމާ ގުޅޭ ގޮތުން ސަލާމަތީ މަޖިލީހަށް ކުރެވުނު ކަމެއް ނެތްކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް މުއިއްޒު ސިފަކުރެއްވި ގޮތުގައި، ދުނިޔޭގެ ސުލްހަޔާއި އިންސާފަށް ސަލާމަތީ މަޖިލީހުން ހަމަތަކާއި އުސޫލުތައް ކަނޑައަޅާއިރު މި ހުރިހާ ކަމެއް، ފަލަސްތީނުގެ ޣައްޒާގައި ބިމާ ހަމަކުރަމުންދާ އިމާރާތްތަކާއި މައުސޫމް ރައްޔިތުންގެ ފުރާނަ ނެތް ހަށިތަކުގެ ދަށުގައި ދަނީ ފަނާވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަލާމަތީ މަޖިލީހަށް އިތުބާރު ގެއްލުމުން ދިއުން ގުޅިފައިވަނީ ގައުމުތަކަށް ހަމަހަމަ ފުރުސަތު ކައުންސިލުން ނުދިނުމާއި ޒިންމާދާރު ނުކުރެވުމާއި ހާމަކަން ކުޑަވުމާ އެވެ. އެހެންވެ ސަލާމަތީ މަޖިލިސް ބަދަލުކުރަންޖެހޭ ކަމަށާއި މިއީ އެކަން ކުރަންވީ ވަގުތު ކަމަށް ވިދާޅުވި އެވެ.
އިޒްރޭލުން ހިންގާ ޖަރީމާތައް ހުއްޓުވުމުގައި ނާކާމިޔާބުވެފައި ވަނީ ވެސް ވީޓޯކުރުމުގެ ބާރު އޮންނާތީ ކަމަށް ރައީސް ވިދާޅުވި އެވެ. އިޒްރޭލު ހުރިހާ ކަމަކުން ބަރިއްޔަވެގެން އޮވެ، އަނިޔާވެރި އިސްތިއުމާރެއް ކުރިއަށް ގެންދަނީ ކަމަށާއި އެކަމުގެ ސަބަބުން މުޅި ސަރަހައްދަށް ނުރައްކާވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ކައުންސިލްގެ ގާބިލްކަން އިތުރުކުރުމަށް އަލުން މަސައްކަތް ފަށައި އިތުބާރު ހޯދުމަށް ގޮވާލައްވައިފަ އެވެ. އެކަމަކު އެކަން ކާމިޔާބުވާނީ ރާއްޖެ ފަދަ ކުދި ގައުމުތަކާ އެކު މުޅި ދުނިޔޭގެ ބައިވެރިވުން ލިބޭ ގޮތަށް ކުރާ މަސައްކަތުން ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވި އެވެ.