"ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން" އަދި "މުދަލު ޒަކާތް ހިސާބު ކުރުން" ނަމުގައި، ސުއޫދު ލިޔުއްވި ދެ ފޮތް މިއަދު ހަވީރު ނެރެދެއްވީ ގައުމީ ކުތުބުހާނާގައި ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގެ ރައީސް އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު އެވެ.
މި ފޮތް ގަންނަން ލިބެނީ ވެސް މޯލްޑިވްސް ލޯ އިންސްޓިޓިއުޓް މެދުވެރިކޮށެވެ. އެ ތަނަށް ގުޅޭ ނަންބަރަކީ 3013200 އެވެ.
އެ ރަސްމިއްޔާތުގައި ސުއޫދު ވިދާޅުވީ އަސާސީ ހައްގުތަކާ ބެހޭގޮތުން ލިޔުއްވި ފޮތަކީ ރާއްޖޭގެ ދުސްތޫރީ ނިޒާމާ ބެހޭގޮތުން އޭނާ ލިޔުއްވާ ސިލްސިލާގެ ފުރަތަމަ ވޮލިއުމް ކަމަށެވެ. ގާނޫނުގެ ވެރިކަމަކީ ކޮބައިތޯ އާއި ގާނޫނުއަސާސީ މާނަކުރުމުގައި ހިފަހައްޓަންޖެހޭ ހަމަތައް މި ފޮތުގައިވެ އެވެ.
ސުއޫދު ވިދާޅުވި ގޮތުގައި މުދަލުގެ ޒަކާތް ހިސާބު ކުރާނެ ގޮތާ ބެހޭގޮތުން ފޮތެއް ލިޔުއްވީ މުދަލުގެ ޒަކާތް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް ހުރި އޮޅުންތައް ސާފުކޮށްދިނުމާ އެކު، އެކަމުގައި އަމަލުކުރަންޖެހޭ ގޮތްތައް ބަޔާންކޮށް ދިނުމަށް ކަމަށެވެ.
ސުއޫދު ވިދާޅުވީ އެ ދެ ފޮތުގެ ކޮޕީތައް ބުކްޝޮޕްތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އަދި ދުވަސްތަކެއް ވާނެ ކަމަށެވެ. ސުއޫދު ވަނީ ކުރިން ވެސް ގާނޫނީ ފަންނުގެ އިލްމު ހިމެނޭ އެކި ކަންކަމާ ބެހޭގޮތުން ގިނަ ފޮތްތަކެއް ލިޔުއްވައިފަ އެވެ.