ސޯޝަލް މިޑިއާގައި އެ މަނިކުފާނު ދާދި ދެންމެއަކު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރެޑިޓް ކާޑް އިން މަހަކު ބޭނުން ކުރެވޭ ޑޮލަރު ލިމިޓު ބޮޑު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ބަދަލު އަންނާނީ އަންނަ އަހަރުގެ ފެބްރުއަރީ އިން ފެށިގެން ކަމަށެވެ.
އެގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްލެސިކް ކާޑުގެ ލިމިޓް 750 ޑޮލަރުން 1400 ޑޮލަރަށް، ގޯލްޑް ކާޑުގެ ލިމިޓް 750 ޑޮލަރުން 1500 ޑޮލަރަށް، އަދި ޕްލެޓިނަމް ކާޑުގެ ލިމިޓް 1،500 ޑޮލަރުން 2،000 ޑޮލަރަށް ބޮޑުވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މީގެ ކުރިން ބޭންކްގެ މި ފަދަ ނިންމުންތައް އާންމުކޮށް އިއުލާނުކުރަނީ ބޭންކުންނެވެ. އެކަމަކު، މި ފަހުން ރައީސް މުއިއްޒު ގެންދަވަނީ ބޭންކްގެ ވަރަށް ގިނަ ނިންމުންތައް އެ މަނިކުފާނު އިސްވެ އިއުލާނުކުރައްވަމުންނެވެ.
އެ ގޮތުން، މިދިޔަ ހަފުތާގައި އަތޮޅުތެރެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ ޑެބިޓް ކާޑުން ޑޮލަރަށް ކުރެވޭ މުއާމަލާތް 3،000 ޑޮލަރާ ހަމައަށް ބޮޑުކުރައްވާނެ ކަމަށް އިއުލާނުކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ މި ކަންކަމުގެ ސަބަބުން ކަޅު ބާޒާރުގައި އަގުބޮޑުކޮށް ޑޮލަރު ގަނެގެން އުޅެންޖެހޭ ކަންތައްތަކުން ރައްޔިތުންނަށް އަރައިގަނެވޭނެ ކަމަށެވެ. ރާއްޖޭގެ އިގްތިސާދު ނަގައި ކޮޅަށް ޖެހުމާއެކު އާންމު ފަރުދުންގެ ހާލަތު ރަނގަޅު ކުރުމަށް ފިޔަވަޅުތައް އަޅަމުންދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މިއަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން ބޭންކުތަކަށް ޑޮލަރު މާރުކުރުން ނުވަތަ ޑޮލަރު ޖަމާކުރުން ލާޒިމްކުރާ ބޭރުފައިސާއާ ބެހޭ ގާނޫނަށް ވަނީ އަމަލުކުރަން ފަށައިފަ އެވެ. މި ގާނޫނާއެކު ޑޮލަރުގެ ރިޒާވް އިތުރުވެ، ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ އާމްދަނީ ވަނީ އިތުރުވާން ފަށައިފަ އެވެ.