މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރުގައި ކުރަން ހުރި މަސައްކަތްތަކުގެ ތެރޭގައި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުުމުގެ ބިލުގެ މަސައްކަތާއި ޓްރޭޑްމާކް ބިލާއި ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ހިމެނެ އެވެ.
އޭގެ އިތުރުން ޓެކުހާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލަކާއި ޒަކާތުގެ ގާނޫނެއް ހަދަން ހުށަހަޅާފައި އޮތް ބިލެއް ވެސް މަޖިލީހުގައި އެބަ އޮތެވެ.
އަންނަ ބުރާސްފަތި ދުވަހަށް ތިން ވަނަ ދައުރުގެ ޖަލްސާއެއް ތާވަލު ކުރި ނަމަވެސް ޖަލްސާގެ އެޖެންޑާއެއް އަދި ކަނޑައެއް ނާޅަ އެވެ.
މިދިޔަ ދޮޅު މަސް ދުވަހު މަޖިލިސް ޗުއްޓީގައި އޮތް ނަމަވެސް ދައުރުން ބޭރުން ހަތަރު ޖަލްސާއެއް ބޭއްވި އެވެ. މި ޖަލްސާތަކުގައި ބޮޑު ކަމަށް އޮތީ، އަވަސް އަރުވާލައިގެން މީޑީއާ ކޮންޓްރޯލް ބިލު ފާސް ކުރުމެެވެ. އޭގެ އިތުރުން، ބައެއް މިނިވަން މުއައްސަސާތަކަށް އައްޔަން ކުރާ މީހުންނަށް ރުހުން ދީފައިވެ އެވެ.