ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތުގެދަށުން ބަނދަރުގެ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައް ނިންމައި، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މަގުގެ މަސައްކަތް ފަށްޓާނެކަމަށާއި މަސައްކަތްކުރަނީ ކުރިއަށް އޮތް ދެ މަސްދުވަހުގެތެރޭގައި ސެގްމަންޓް 1 ގެ ހުރިހާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމްޓީސީސީން ބުނެފި އެވެ.
ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ކުރިއަށްގެންދަނީ ފަސް ސެގްމަންޓަކަށް ބަހާލައިގެންނެވެ.
އޭގެތެރެއިން ފުރަތަމަ ސެގްމަންޓްގައި ކުރިއަށްގެންދަނީ ލޯކަލް މާރުކޭޓުން ފެށިގެން، ރަސްމީ ފާލަމާ ހައަށް ހިމެނޭ ސަރަޙައްދު ތަރައްގީކުރުމުގެ މަސައްކަތެވެ.
އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ކުރިއަށް އޮތް 6 ދުވަސްތެރޭ ނިމޭނެކަމަށާއި އެއަށްފަހު މި ފަށާ މަހުގައި ފަށަނީ މަގުގެ މަސައްކަތްތައްކަމަށް އެމްޓީސީސީގެ ސީނިއަރ ޕްރޮޖެކްޓްސް މެނޭޖާ ޝަރުވަސް އަބްދު ﷲ ފާއިޒް ވިދާޅުވި އެވެ.
އެޔަށް ފަހު ކުރިޔަށް ދާނީ ހޮޅި ވަޅުލުމާ ސެޓްލްމަންޓް ޓޭންކް ބެހެއްޓުމާއި ތާރުގެ މަސައްކަތްކަމަށާއި އެކަމުގެ އަމަލީ މަސައްކަތްތައް ހަފްތާއެއްހާ ދުވަސްތެރޭ ފަށާނެ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
ބޮޑުތަކުރުފާނު މަގު ފެންވަރު ރަނގަޅުކޮށް ހަދާ މަގު ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން ހިއްކާ ސަރަޙައްދުގެ މަސައްކަތްވެސް ނިމުމަކާއި ހަމައަށް އައިސްފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީން) ބުނެފައިވެ އެވެ
ބޮޑުތަކުރުފާނު މަގު ފެންވަރު ރަނގަޅުކޮށް ހަދާ މަގު ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން ޝީޓް ޕައިލްކުރަންޖެހޭ ސަރަހައްދުގެ މަސައްކަތް އެއްކޮށް ވަނީ ނިންމާފައެވެ. އެގޮތުން 132 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ޖަހާފައިވާކަމަށާއި ޝީޓް ޕައިލްތައް ވަރުގަދަކުރުމަށް ޖަހާ އެންކާ ބްލޮކްގެ މަސައްކަތް އެއްކޮށް ނިންމިފައިވާކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނީ ބޭރުމަގު ފުޅާކުރަން އެ ސަރަހައްދުގެ ފަޅުން ހިއްކަންޖެހޭ ސަރަހައްފުގެ 90 އިންސައްތަ ހިއްކާ ނިމިފައިވާކަމަށެވެ.
މި މަޝްރޫއު ނިމޭއިރު މާލޭ އުތުރު ފަރާތު ބޮޑު ތަކުރުފާނު މަގު 4 ލޭނުގެ މަގަކަށް ފުޅާކޮށް ޒަމާނީ ފެންވަރަށް ހަދާނެކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓްރީން ވަނީ ބުނެފައެވެ. މަގުގެ ގާތްގަނޑަކަށް 830 މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅަން ވަނީ ނިންމާފައެވެ. އެއީ ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށެވެ.
އެއް އަހަރާއި ތިން މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 144 މިލިއަން ރުފިޔާއަށެވެ