ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މިއަހަރުން ފެށިގެން، ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި ނުބަލާ ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ، ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ، އަދި ހާފިޒުންގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ފަރާތްތަކަށް އެ ފަރާތަކުން ތައުލީމް ޙާސިލްކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާއި ހަމަޔަށް އެފަރާތަކުން ބޭނުން ޤައުމަކުން ތަޢުލީމް ޙާސިލްކުރުމަށް ރައީސްގެ ހާއްސަ ސްކޮލަރޝިޕް ދިނުމަށް ނިންމަވާފައިވާކަމަށެވެ.
އަދި މުޅި މުބާރާތުން 3 ބައިން 1 ވަނަ ހޯދާ ފަރާތްތަކަށާއި، މުއައްސަސާތަކުގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ތަނަކަށް، ރައީސްގެ އިނާމުގެ ތެރޭގައި އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި ޝަރަފުގެ ފިލައެއް ވެސް ހިމެނޭނެކަމަށް ރައީސް ވިދާޅުވި އެވެ.
މި މަހުގެ 18 އިން މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް ބޭއްވި ގުރުއާން ކިޔެވުމުގެ މި އަހަރުގެ ގައުމީ މުބާރާތުގައި 119 ތަނަކުން 1،037 މީހުން ބައިވެރި އެވެ. ނަމަވެސް އެ މުބާރާތުގެ ނަތީޖާ ފާޅުކުރާ ޖަލްސާ ބާއްވާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.