ކޮރަޕްޝަން ހުއްޓުވަން އެންމެ ރަނގަޅު ގޮތަކީ ޒިންމާދާރު މަގާމުތަކުގައި ތިބޭއިރު އެކަމާ ދެކޮޅަށް މަސައްކަތް ކުރުން ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އަލީ އިހުސާން އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިހުސާން މިހެން ވިދާޅުވެފައި މިވަނީ ކޮރަޕްޝަނާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން އިސްވެ، މާލޭގައި ބޮޑު އެއްވުމެއް ވެސް ބާއްވަން ތައްޔާރުވަމުންދަނިކޮށެވެ.
އިހުސާން ވިދާޅުވީ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާއިރު ކޮރަޕްޝަން ހުއްޓުވަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާ އެކު ކޮރަޕްޝަންގެ އަމަލު ހިންގާ ފަރާތްތަކުގެ މައްޗަށް ގާނޫނު ތަންފީޒުކުރުމަކީ ކޮރަޕްޝަން ހުއްޓުވުމަށް އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅު ކަމަށެވެ.
މަގާމުތަކުގައި އެ ބޭފުޅުން ތިބިއިރު ކޮރަޕްޝަން ހުއްޓުވަން ކުރެވުނީ ކޮން ކަމެއްތޯ އިހުސާން ސުވާލު އުފެއްދެވި އިރު، އެމްޑީޕީގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަހުމަދު ސައީދުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ކުށުގައި ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްޔެ ވަނީ ކްރިމިނަލް ކޯޓުން އިއްވައިފަ އެވެ.
އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ކުރި ރިޝްވަތުގެ ދެ ދައުވާއެއް ސާބިތުވެ، އޭނާ 12 އަހަރަށް ޖަލަށްލާން އެ ކޯޓުން ރޭ ހުކުމްކުރި އެވެ.
މީގެ އިތުރުން އިދިކޮޅުން އަންނަނީ "ލޫޓުވައިފި ލޫޓުވައިފި" ނަމުގައި ހުކުރު ދުވަހު ހަވީރު މާލޭގައި ބޮޑު އެއްވުމަކަށް ތައްޔާރުވަމުންނެވެ. އެ ހަރަކާތާ ގުޅިގެން އެކްސްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓުގައި ވަނީ އެއީ ވަކި ޕާޓީއެއްގެ ހަރަކާތެއްގެ ގޮތުގައި ނުދެކުމަށާއި އެ ހަރަކާތަކީ ކޮރަޕްޝަނާ ދެކޮޅު ހުރިހާ އެންމެން ވެސް ބައިވެރިވުން މުހިއްމު މުޒާހަރާއެއް ކަމަށް ވިދާޅުވެ، އެންމެނަށް ދައުވަތު ދެއްވައިފަ އެވެ.