އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނި ގޮތުގައި ބިންހެލުން އައިސްފައިވަނީ 90،000 ގެ އާބާދީއެއް އޮންނަ ބޯގޯގެ އުތުރަށް، އަންގާރަ ދުވަހު ޖީއެމްޓީން 13:59 ގައި ކަމަށެވެ.
ފިލިޕިންސްގެ ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި މަރުވި މީހުންގެ އަދަދު އިތުރުވުން ވަރަށް ބޮޑަށް އެކަށީގެންވެ އެވެ. ސޭބޫ އިން 65 މީހަކު މަރުވިކަން ކަށަވަރު ވެފައި ވާއިރު ބޯގޯ އާއި ސެން ރެމިޖިއޯ އަދި ޓަބުއެލާން ފަދަ ތަންތަނުން ވެސް ވަނީ މީހުން މަރުވެފަ އެވެ.
ފިލިޕީންސްގެ ބިންހެލުންތައް ދިރާސާކުރާ އޮފީހުން ބުނީ ބާރުގަދަ ބިންހެލުމަށް ފަހު ވެސް 379 ލޮޅުމެއް ފިލިޕިންސަށް އިހްސާސްކުރެވިފައިވާ ކަމަށެވެ.
ބިންހެލުމުގެ ސަބަބުން ކަރަންޓް ކޭބަލްތައް ހަލާކުވެ، ސޭބޫ އާއި ކައިރި އެހެން ރަށްތަކުގެ އެކި ހިސާބުތަކުން ކަރަންޓް ވެސް ކެނޑުނެވެ. ނަމަވެސް ފިލިޕީންސްގެ ނޭޝަނަލް ގްރިޑް ކޯޕަރޭޝަނުން ނެރުނު އެޑްވައިޒަރީގައި ބުނެފައި ވަނީ ސެބޫ އާއި އިތުރު ހަތަރު ސަރަހައްދަކަށް ރޭގަނޑު 12:00 ގެ ފަހުން އަލުން ކަރަންޓް ފޯރުކޮށްދީފައިވާ ކަމަށެވެ.
ފިލިޕީންސް އަކީ ޕެސިފިކް ރިންގް އޮފް ފަޔަރ ސަރަހައްދުގައި އޮންނަ ގައުމެކެވެ. މީގެ ކުރިން 2022 ވަނަ އަހަރުގެ ޖުލައި މަހު ހަތް މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމެއްގައި ފަސް މީހުން މަރުވެ 60 މީހުން ޒަހަމްވި އެވެ.