މިއަހަރުގެ އުމުރުން ދުވަސްވީ މީހުންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ އުމުރުން ދުވަސްވީ ކޮންމެ މީހަކީ މި ގައުމަށް ތަޖްރިބާގެ އަގުހުރި މުތެއް ކަމަށާއި އެއިން ކޮންމެ ބޭފުޅަކު މާޒީގައި ދެކެވަޑައިގަތް ކަންކަމަކީ، ބާއްޖަވެރި މާދަމާއެއް ބިނާކުރުމަށްޓަކައި އިބުރަތުގެ ދަރުސްތަކެއްކަމަށެވެ.
ރައީސް ވިދާޅުވީ ސަރުކާރުން އެންމެ ސަމާލުކަންދޭ އެއް ސިޔާސަތަކީ ރާއްޖޭގެ ކޮންމެ ރަށަކީވެސް ދޮށީ އުމުރުގެ ރައްޔިތުންނަށް ފަހި، ފަސޭހަ، އޯގާތެރި ވެއްޓަކަށްވުމާއި، ހުރިހާ އުމުރު ފުރައަކަށް އުފާފާގަތި މާހައުލެއް އަބަދުމެ އޮތުންކަމަށެވެ
ބައިނަލްއަގްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ ގޮތުގައި އދ. އިން ކަނޑައަޅާފައި ވަނީ އޮކްޓޫބަރުމަހުގެ އެއް ވަނަ ދުވަހެވެ. މި ދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ، ދުވަސްވީ މީހުންނަށް ހުރި ފުރުސަތުތަކާއި ދިމާވާ ގޮންޖެހުންތަކާއިމެދު ވާހަކަ ދައްކައި އެކަންތައްތަކަށް ހައްލުހޯދުމަށް މަސައްކަތް ކުރުމެވެ.