މާލެ ސިޓީ ކައުންސިލްގައި މިކަމަށް ހާއްސަކޮށްގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީގެ މޭޔަރު އާޒިމް ވިދާޅުވީ މި ނިޒާމުގެ މައުލޫމާތު ފުރަތަމަ ހިއްސާކުރެވިފައިވަނީ، މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 207 ވަނަ ޖަލްސާގައި، ކައުންސިލަރުންނާ ކަމުގައި އެވެ.
އާޒިމް ވިދާޅުވީ، މާލެ ސިޓީގެ ބިންތަކުގެ ކަންކަން ބެލެހެއްޓުމަށް ހާއްސަ މި ނިޒާމު މިއަދު އާންމުކުރެވިގެން މިދަނީ، މިވަގުތު މާލެ ސިޓީ ކައުންސިލަށް ލިބެން ހުރި ޑޭޓާބޭސްއަށް ބިނާކޮށް ކަމަށެވެ.
އާޒިމް ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން "ލޭންޑް އިންފޮމޭޝަން ސިސްޓަމެއް" އާންމުކުރި މިއީ ފުރަތަމަ ފަހަރު ކަމަށާއި މި ސިސްޓަމްގެ ސަބަބުން، މާލެ ސިޓީގެ ގޭބިސީތަކުގައި ދިރިއުޅުއްވާ ފަރާތްތަކަށް، އެ ބައެއްގެ ގެދޮރާއި ގުޅޭ މައުލޫމާތު ފަސޭހަކަމާއެކު ލިބިގަނެވޭނެކަމުގަ އެވެ.
މިނިޒާމު ފައްކާވެގެންދާއިރު ގޯތީގައި ހިންގާ ވިޔަފާރިތަކާއި، ކާރު ގަރާޖް ހުއްދަ ދެވިފައިވާ ނަމަ، އެ މަޢުލޫމާތުތައް ވެސް މި ޕޯޓަލްގައި ހިމެނޭނެކަމަށާއި ނަމަވެސް، މި މަޢުލޫމާތުތަކުގައި ޒާތީ މައުލޫމާތުތަކެއް ހުރެދާނެ ކަމަށް ބެލެވޭތީވެ، މި ޕޯޓަލްގެ ބައެއް މައުލޫމާތު ލިބޭނީ "އީފާސް" މެދުވެރިކޮށް އެމީހެއްގެ މައުލޫމާތު އެމީހަކަށް އެކަނި ކަމަށް އާޒިމް ހާމަކުރެއްވިއެވެ.
މާލެ ސިޓީ ކައުންސިލުން ތައްޔާރުކުރި މި މައުލޫމާތުތަކުގެ ތެރޭގައި، ލޭންޑް އޮޑިޓުގައި ހިމެނޭ ބިންތަކާއި އެ ބިން ބޭނުންކުރަމުންދާ ގޮތް ދައްކުވައިދޭ ޗާޓުތައް ހިމެނެއެވެ. މީގެ އިތުރުން، ވިލިމާލޭގެ ހުރިހާ ބިމެއްގެ މަޢުލޫމާތު ވެސް، ޑްރޯން އިމޭޖިނަރީ ބޭނުންކޮށްގެން، އެ ބިންތައް ވަކިވަކިން ދެނެގަނެވޭނެ ގޮތަށް ޖިއޯރިފަރެންސް މަޢުލޫމާތުތަކާއެކު ވަނީ ހިމަނާފަ އެވެ.
ލޭންޑް އިންފޮމޭޝަން ސިސްޓަމް (LIS) މިހާރު ވަނީ، މާލޭގައި ހިމެނޭ ހުރިހާ ކޮށިތަކުގެ ބޮޑުމިނާއި، އެ ކޮށިތަކުގެ ތެރޭގައިވާ ގޯތިތަކުގެ ބޮޑުމިން ފެންނާނެ ގޮތަށް އަދާހަމަ ކުރެވިފަވާނެ ކަމަށާއި މާލެއާއި ވިލިމާލޭގައިވާ ގެތަކުގެ އަދަދާއި، ސުކޫލުތަކާއި، ފިހާރަތަކާއި، އޮފީސްތަކުގެ މައުލޫމާތުގެ އިތުރުން، ބިން ބޭނުންކުރެވިފައިވާ އެހެނިހެން ބާވަތްތަކުގެ މައުލޫމާތުވެސް ވަކިވަކިން މި ސިސްޓަމުން ފެންނަން ހުންނާނެ ކަމަށް މާލޭ ސިޓީ ކައުންސިލް ބުނެ އެވެ.
މި ލޭންޑް އިންފޮމޭޝަން ސިސްޓަމާއެކު، މާލޭގެ ތަރައްގީއަށް ކުރަންޖެހޭ ކަންކަން ދެނެގަތުމަށާއި، ބިން ބޭނުންކުރެވޭ ގޮތް ސިޓީ ކައުންސިލަށް ދެނެގަތުން އިތުރަށް ފަސޭހަވެގެންދާނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.