މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު، މި ޖަލްސާއަށް ވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ކޮށްފައިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަވެފައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހްޤީޤުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ގޮވާލާ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް ހުށަހަޅުއްވާފައިވާ ގަރާރު އެޖެންޑާކޮށްފަ އެވެ.
އަދި ސަރުކާރުގެ ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު ހަންނާން މުހައްމަދު ރަޝީދު ހުށަހަޅާފައިވާ ރީ-އެމްޕްލޯއިމަންޓް ބިލްގެ ބަހުސް ކުރިއަށްގެންދިޔުން ވެސް އެޖެންޑާކޮށްފައިވެ އެވެ.
މީގެއިތުރުން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް 4 މެންބަރުން، ޓެކްސް އެޕީލް ޓްރައިބިއުނަލަށް 2 މެންބަރުން އަދި އެޗްއާރްސީއެމްއަށް މެންބަރަކު އައްޔަނު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ މައްސަލަތައް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުމަށްވެސް ވަނީ އެޖެންޑާކޮށްފަ އެވެ.
އޮޑިޓަ ޖެނެރަލް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުއްވި އޮޑިޓް ރިޕޯޓު ބިނާކޮށްފައި އޮތީ 2021 އިން 2023 އަށް ފެނަކަ ހިންގި ގޮތުގެ މައްޗަށެވެ. އޭގެ ތެރޭގައި ވަރަށް ބޮޑެތި ކޮރަޕްޝަންގެ ޖަރީމާތައް އެ ރިޕޯޓުގައި ވެ އެވެ. ހާއްސަކޮށް އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާ ގުޅޭ ބޮޑެތި މައްސަލަތަކެއް ހިމެނެ އެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އަހުމަދު ސައީދު (ފެނަކަ ސައީދު) ހުންނެވި ދުވަސްވަރު ހިންގި ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ، ހަތަރު އަހަރަށް އޭނާ ޖަލަށް ލާން ކްރިމިނަލް ކޯޓުން މިފަހުން ވަނީ ހުކުމްކޮށްފަ އެވެ.
ފެނަކަ ރިޕޯޓައި ގުޅިގެން ވެރިކަންކުރާ ޕީއެންސީން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހެޅިއިރު، މި ރިޕޯޓާއި ގުޅިގެން އިދިކޮޅު އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް މުހައްމަދު މުއިއްޒު ބޭނުންވާ ގޮތަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ރިޕޯޓުތައް ނެރެމުން ދަނީ އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އަށް ވަޒީފާގެ ބިރު ދައްކައިގެން ކަމަށެވެ.