ރައީސް ޑރ، މުހައްމަދު މުއިއްޒު މިހެން ވިދާޅުވީ ވަތަނީ ހިދުމަތުގެ ތަމްރީނު ޕްރޮގްރާމް ފެއްޓެވުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ތަމްރީނަކީ، ބައިވެރިންގެ މުސްތަޤުބަލު އުޖާލާކޮށް، އުފާފާގަތިކަން ކަށަވަރުކުރުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައި ބަލައިގަނެގެން ކުރިއަށްދިއުމަށާއި އަދި ތަމްރީނު ނިމޭއިރު އުފެދިގެންދާނީ، އުޅުންހުރި، ޤައުމީ އަދި ދީނީ ލޯބި އަށަގެންފައިވާ، ބާރުވެރި ޒުވާނުންތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ މިއަދު ފެށިގެން މިދަނީ ވަރަށް ތާރީހީ އަދި ގައުމު ބިނާކުރުމުގެ ވަރަށް މުހިއްމު ސޮފްހާއެއް ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި މި ތަމްރީނުގައި ބައިވެރިވާ ޒުވާނުންނަށް ސަރުކާރުން ވަރަށް ރަނގަޅަށް ކަންތައްތައް ކޮށްދޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ނެޝަނަލް ސާވިސް ޕްރޮގުރާމް ފުރިހަމަކުރުމުން ސިފައިންގެއިން ނުވަތަ ފުލުހުންގެ ހިދުމަތުން ފުރުސަތު ދޭނެ ކަމަށް ރައީސް ވަނީ ކުރިން ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވީ މި ޕްރޮގްރާމްގެ ފުރަތަމަ ބުރުންވެސް ޒުވާނުންގެ މެދުގައި މިކަމަށް އޮތް ޝައުގިވެރިކަން ފެންނަކަމަށާއި ގައުމުގެ މުސްތަގުބަލު އޮތީ ވަރަށް އުޖާލާކޮށްކަން ފެނިގެންދާކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ އުއްމީދަކީ ކުރިއަށް އޮތްތަނުގައި އިތުރު ކުދިން މި ޕޮރޮގްރާމްގައި ބައިވެރިވެ، ސަރުކާރުން ކަނޑައަޅާފައިވާ 5000 ޒުވާނުން ތަމްރީންކުރުމުގެ އަމާޒަށް ވާސިލުވުންކަމަށެވެ.
އެ ޕްރޮގްރާމަށް ހާއްސަ ގާނޫނެއް ވަރަށް އަވަހަށް ފާސްކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ވެސް އޭރު ވިދާޅުވި އެވެ. ގާނޫނު އެކުލަވާލާއިރު، އިތުރު ތަފްސީލްތައް ކަނޑައަޅާނެކަން ފާހަގަކުރައްވައި ރައީސް އޭރު ވިދާޅުވީ، މި ޕްރޮގްރާމްގައި ބައިވެރިވާ މީހުންނަށް 6000 ރުފިޔާގެ އެލަވަންސެއް ވެސް ހަމަޖައްސާނެ ކަަމަށެވެ.