13 ބޯޓެއް ހިފަހައްޓާފައިވާ އިރު އޭގެ ތެރޭގައި 200 އަށް ވުރެން ގިނަ ބައިވެރިން ހިމެނޭކަމަށް މައުލޫމާތު ލިބެ އެވެ.
އޭގެ ތެރޭގައި ގިނައީ ސްޕެއިނާއި އިޓަލީ މީހުން ގިނައިން ތިބި އުޅަނދުތައް ކަމަށް ފްލޮޓިލާގެ ތަރުޖަމާން ސައިފް އަބުކެޝެކް މީޑިއަށް މައުލޫމާލުދެއްވަމުން ވިދާޅުވި އެވެ.
އެކަމަކު ވީޑިއޯ މެސެޖެއްގައި ތަރުޖަމާނު ވިދާޅުވީ "އަހަރެމެންގެ މިޝަން ކުރިއަށް އެބަދޭ" ކަމަށެވެ.
ފްލޮޓީލާއިން ބުނީ ރޭގެ ވަގުތެއްގައި އިޒްރޭލުން އުޅަނދުތަކަށް ހުރަސްއެޅުމުގެ އިތުރުން މުއާސަލާތީ ހިދުމަތްތަކަށް ބުރޫއަރުވައި ހިދުމަތްތައް ހުއްޓުމަކަށް ގެނައި ކަމަށެވެ.
އިޒްރޭލުގެ ފޮރިން މިނިސްޓްރީން ބުނީ ފްލޮޓީލާގެ "ގިނަ އުޅަނދުތައް ރައްކާތެރިކަމާ އެކު ހުއްޓުވާފައި" ވާ ކަމަށެވެ.
އަދި އެ އުޅަނދުތަކާއި އޭގައި ތިބި މީހުން އިޒްރޭލު ބަނދަރަށް ގެންދިއުމުގެ މަސައްކަތްކުރާ ކަމަށް ވެސް ބުންޏެވެ.
ގާތްގަނޑަކަށް 45 އުޅަނދު ހިމެނޭ ފްލޮޓީލާގެ ދަތުރުގައި އެކި ގައުމުތަކުގެ ސިޔާސީ މީހުންނާއި ގާނޫނީ ވަކީލުންނާއި ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާ އެކްޓިވިސްޓުންގެ 500 ވަރަކަށް މީހުން ހިމެނޭކަމަށާއި މީގެ ތެރޭގައި ހިމެނޭ، ސްވިޑަންގެ ތިމާވެށީގެ އެކްޓިވިސްޓު ގްރެޓާ ތަންބާގް ދަތުރުކުރި ބޯޓު ހުއްޓުވައި އޭނާ ހައްޔަރުކޮށް އިޒްރޭލު ސިފައިންގެ ބެލުމުގެ ދަށަށް ރޭގެ ދަންވަރު ވަނީ ގެންގޮސްފަ ކަމަށް މީޑިޔާތަކުން ބުނެ އެވެ. ކުރިން ވެސް މީގެ ދަތުރެއްގައި ބައިވެރިވުމުން އޭނާ ހައްޔަރުކޮށް އިޒްރޭލުން ޑީޕޯޓްކޮށްފައިވެ އެވެ.
ފްލޮޓިލާ ހުއްޓުވުމުގެ ތެރެއިން
އިޒްރޭލުން އުޅަނދުތަކަށް ހުރަސްއަޅައި ބައެއް އުޅަނދުތަކަށް އަރައި މީހުން ހައްޔަރުކޮށްފައި ވަނީ "އިޒްރޭލުން ބަންދުކޮށްފައިވާ" ސަރަހައްދަށް ވަނުމުން ކަމަށް ބުނެ ކަމަށާއި ފްލޮޓީލާގެ މެންބަރުން ބުނަމުންދަނީ އިޒްރޭލުން އައްޒާ އާއި އައްޒާގެ ކަނޑުގެ ސަރަހައްދު ބަންދުކޮށްގެން އުޅެނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކަމަށާއި އެހެންވެ އެ މީހުންގެ އުޅަނދުތަކަށް ހުރަސްއަޅައި މީހުން ހައްޔަރުކުރުމަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށެވެ.
ފްލޮޓީލާއިން ބުނީ އިޒްރޭލު ސިފައިން ބައެއް އުޅަނދުތައް ހުއްޓުވި ނަމަވެސް ގިނަ އުޅަނދުތައް ނުހުއްޓި އަދިވެސް ގާޒާއާއި ދިމާއަށް ދަތުރުކުރަމުން ގެންދާ ކަމަށެވެ. ނުހުއްޓި ދަތުރުކުރާ އުޅަނދުތައް ގާޒާގެ އައްސޭރިއާ ކައިރިވަމުންދާ ކަމަށް ބުންޏެވެ. އަލް ޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ޗެނަލްގެ ރިޕޯޓަރަކު އޭގެ އުޅަނދެެއްގައި އެބަ ހުއްޓެވެ. ދަތުރު ނުހުއްޓާ ކުރިއަށްދާ ދިހަ ވަރަކަށް ބޯޓު އައް ގާޒާއާ 40 މޭލަށް މިހާރު ކައިރިވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.