ލޮލުން ވެއްޓުނު ކަރުނަތިކި ސިއްރުން ފޮހެލާފައި އަމާރާ ފަސްއެނބުރުނީ އެވަގުތަށްޓަކައި 'އެވަރުވެސް' ފުދިއްޖެކަމަށް ނިންމާފަ އެވެ.
ނަމަވެސް ދެފައިގައި ކުއްލިޔަކަށް މީހަކު ހިފެހެއްޓިހެން ހީވުމުން އަމާރާ ހުރިތަނަށް ގަނޑުވި އެވެ.
ހަގީގަތުގައި މީހަކު ހިފެހެއްޓީއެއް ނޫނެވެ. ނަމަވެސް އެހެން މީހެއްގެ ބާރުގަދަ ބެލުމުގެ ސަބަބުން އަމާރާ އެތަނުން ދިއުމަށް ތަގްދީރުގައި ލިޔެވިފައި ނެތީ އެވެ.
ފުން ނޭވާއެއްލާފައި ފަސްއެނބުރި ބަލައިލި އެވެ.
އެތަށް ބައެއްގެ ތެރެއިން ޝައްޔާން ބަލަހައްޓައިގެން އެ ހުރީ އަމާރާ އަށެވެ. މާނައިން ފުރިގެންވީ ހިނިތުންވުމަކާއެކު ޝައްޔާންގެ އަތުން އިޝާރާތްކުރީ 'ހަމަޖެހިލުމަށެވެ'.
މިއަދުވެސް ޝައްޔާންގެ އެއްއަތުގައި އެ އޮތީ ސްލިންގް އަޅުވާފަ އެވެ.
އަމާރާ ހުއްޓުނެވެ.
އެ އިޝާރާތަށް އިންކާރުކުރާނެ ހިއްވަރެއް މިއަދު ނެތީ އެވެ.
ކަޅު އައިނުގެ ފަރުދާގެތެރެއިންވެސް ޝައްޔާންގެ އިޝާރާތް ދެނެގަތުމުގައި އަމާރާ ގޯހެއް ނުހަދާނެ އެވެ. ދުރަށް ޖެހިނުލައި މަޑުކުރީ އިތުރު އިޝާރާތާކަށެވެ.
އެއްމިޔަކަނުން ހިނިއައިސްފައި ޝައްޔާންގެ ފޯނު ޖީބުން ނަގާފައި، މެސެޖް ކޮށްލި އެވެ. އެ ސިކުންތުގައި އަމާރާގެ ފޯނު ވައިބްރޭޓްވެއްޖެ އެވެ.
ޝައްޔާން:'ތިތަނުގައި މަޑުކޮށްލާ..! ތަސްކީން ފޮނުވައިފިން' ޝައްޔާންގެ މެސެޖްގައި ވި އެވެ.
ވަށައިގެން އަމާރާ ބެލި އެވެ.
"ލެޓްސް ގޯ! މިވަގުތަށްޓަކައި ޝައްޔާން ވަރަށް އިންތިޒާރުކޮށްފި" ތަސްކީންގެ އަޑު އަމާރާގެ ކަންފަތަށް ފަރުވާއެއްކަމުގައި ފުދުނެވެ.
ހިނިތުންވެވުނީ އާޝޯހްވެވުމުންނެވެ. އަމާރާއާއި ޝައްޔާންގެ ހަގީގަތް ތަސްކީންއަށް އެނގެނީ ކިހައި މިންވަރަކަށް ހެއްޔެވެ؟
ގެއްލިފައި ހުއްޓުން އެރި އަމާރާއާއި ދިމާއަށް ހިނިތުންވަމުން ތަސްކީން އިޝާރާތްކުރީ ވީ އެންމެ އަވަހަކަށް އެތަނުން ސަލާމަތްވެގެން އޭނާއާއިއެކު އައުމަށެވެ.
ދުރުދުރުން އަމާރާ ގޮވައިގެން އައިސް ކުއްލިޔަކަށް ޝައްޔާންގެ ކާރުގެ ތެރެއަށް ތަސްކީން އަމާރާ އަރުވައިފި އެވެ. ބާރަށް ތެޅެމުންދިޔަ މޭގައި އަތް އަޅާފައި އަމާރާ ދެ ލޯ މަރައިލި އެވެ. ނަމަވެސް ނޭފަތުގައި ބީހުނު ސެންޓްގެ ވަހުން އޭނާގެ ދެ ލޯ ބޮޑުކޮއްލި އެވެ.
ކަނާތްފަރާތަށް ބަލައިލެވުނީ ކުއްލިޔަކަށެވެ.
"މިސްޑް މީ؟" ކޮލުދަތްތައްވެސް ފެންނަވަރަށް ހިނިއައިސްފައި ޝައްޔާން ސުވާލުކޮށްލި އެވެ.
"ޝައްޔާންގެ އެއްވެސް ސުވާލަކަށް ޖަވާބު ދޭކަށް ބޭނުމެއް ނޫން" ދެފަރާތަކަށް ބޯ ހޫރުވާލާފައި އަމާރާ ބުނެލި އެވެ.
"އަމާރާގެ ހަރަކާތުން އަހަރެންގެ ހުރިހައި ސުވާލެއްގެ ޖަވާބު ލިބިއްޖެ" ފަހުރުވެރިވެލާފައި ޝައްޔާން ބުންޏެވެ.
ދެލޮލުގެ ކަޅި އަނބުރާފައި އަމާރާ ބަލައިލި އެވެ. ނަމަވެސް އޭނާގެ ތުންފަތްމަތީގައި ވާ ހިނިތުންވުން ފޮރުވާލާނެ އުކުޅެއް އަމާރާއަށް ލިބިފައެއް ނެތެވެ.
"ޔޫ އާރ އިމްޕޮސިބަލް! އެކަން އިނގޭދޯ!" ދެ ކޯ ފުއްޕާލާފައި އަމާރާ ބުންޏެވެ.
"އެންޑް ޔޫ އަރ ޕްރެޑިކްޓަބަލަ..! އަހަންނަށް ވަރަށް ޔަގީންވި، އަހަރެން އަންނަ ގަޑިއަށް ބާރަށް ދުވެފައި މިތަނަށް އަންނާނެކަން..!" އާދައިގެ މަތީން އަމާރާއާއި ދިމާކުރާ އުސޫލުން ޝައްޔާން ވާހަކަދެއްކިޔަސް، އަމާރާގެ ސަބަބުން ލިބިފައިވާ ހިއްހަމަޖެހުމާއި އުފާވެރިކަން ޝައްޔާންގެ ދެ ލޮލުން ބަބުޅަމުން ދިޔަ އެވެ.
"ދުވެފަ އެއް ނޫން އައީ..! އާންމު އިންސާނުން އެއާޕޯޓަށް އަންނަ ގޮތަށް ޓެކްސީއެއްގައި އައީ..! އެކަމަކު ކަނޑުން ނަގާފައި އޮތް ބިޔަ ރާޅެއް ފަދައިން ނޫސްވެރިންނާއި ކެމެރާތަކާއި ހިތް ކިޔާފައި ތިބި އެތައް ބައެއްގެ ތެރެއިން އަހަރެންވެސް، ސްޕާސްޓާރެއް ފެނޭތޯ ބޯ ދިއްކޮށްލީ!!" ޝަކުވާގެ ގޮތުގައި އަމާރާގެ ނުތަނަވަސްކަން ހުށަހަޅާލި އެވެ.
"އެހުރިހައި އުނދަގުލާއި ތަކުލީފަށް ފަހުވެސް އަހަރެންނާއި ޖެހިގެން، އަހަރެންގެ ކާރުގައި، ދާދި ގާތުގައި ތި އިނީ ހަމަ އެކަނި އަހަރެންގެ އަމާރާ..! އަހަރެންގެ އަތުގެ ހާލަތު އެނގެން ބޭނުންވެ، ކެތް ނުވެގެން ޑިއުޓީގައި ހުރެފައި މިތަނަށް ތިޔައައީ..!" ޑްރައިވަރާއި ކުރީސީޓުގައި އިން ތަސްކީންއަށްވެސް އަޑު ނީވޭނެ ވަރަށް ޝައްޔާން ބުނެލީ އަމާރާގެ ކަންފަތްބުޑަށް ގުދުވެލާފަ އެވެ.
އެއްޗެއް ބުނަން އަމާރާ އަނގަހުޅުވި އެވެ. ނަމަވެސް ބުނާނެ އެއްޗެއް ނެތެވެ. ބުނެވޭނެ އެއްޗެއްވެސް ނެތެވެ. ޝައްޔާންގެ ތުހުމަތަށް އެއްބަސްވާކަށް ބޭނުމެއް ނެތެވެ. ތެދެކެވެ. އަމާރާ ޑަބްލްޑިއުޓީ އަދާކުރީ މިގަޑި ހުސްކުރުމަށެވެ! ހިމޭނުން އިނުންފިޔަވައި އެހެން ހައްލެއް މިވަގުތު އަމާރާއަށް ނުފެނުނެވެ.
ލޯ މަރާލާފައި އަމާރާ ބަލައިލީ ޝައްޔާންގެ އަތަށެވެ.
"ހައު ބޭޑް އިޒް އިޓް؟" އޯގާތެރިކަމުން ފުރިގެންވީ ސުވާލެކެވެ. ޝައްޔާންގެ ހިތް ނަށާލި އެވެ. ނަމަވެސް އެކަން ދައްކާކަށް ބޭނުމެއް ނުވި އެވެ.
"ހުޅުން ނައްޓާފައި.. ނަސީބަކުން ބިންދައިގެން ނުދިޔަ..!"މަޑުމަޑުން ޝައްކާން ބުނެލި އެވެ.
"ކުރިއަށްވުރެން މާބޮޑަށް ޝައްޔާން ފަރުވާތެރިވާން އެބަޖެހޭ!" ހިމޭންކަމާއެކު އަމާރާ ބުންޏެވެ.
"ކީއްވެ..؟ އޭރުން ހޮސްޕިޓަލް ޑިއުޓީ ދޫކޮށްލާފައި، ދެން ފަހަރަކުން އަހަރެން އަންނައިރު އެއާޕޯޓަށް ނައިސްވާނެތީ..؟" ހިނިއައިސްފައި ޝައްޔާން ސުވާލުކުރި އެވެ. އަމާރާ ރުޅި އަންނާނެކަން އެނގިހުރެވެސް އެކަމަށް ޝައްޔާން ފުރުސަތު ދިނެވެ.
"ޗޮއިސް އެއް ނެތެއްނުން..! ކޮންމެ ޑޮކްޓަރަކުވެސް އެ ޑޮކްޓަރެއްގެ ރެގިއުލަރ ޕޭޝަންޓުން ބަލަންޖެހޭނުން..!؟ އެހެންވީމަ، މިތަނަށްވެސް ނޫނީ ބަނދަރަށްވިޔަސް ޖެހޭނީ ދާން ދޯ!" ޝައްޔާން ބުނެލި ބީދައިން އަމާރާވެސް ޖަވާބުދިނެވެ.
"އޯހހ.. ސޯ... މިއީ ހަމައެކަނި ޑޮކްޓަރ އަމާރާގެ ރެގިއުލަރ ޕޭޝަންޓެކޭތަ ތިބުނަނީ..؟" ކުއްލިޔަކަށް އަމާރާގެ މޫނާއި ދާދި ގާތަށް ޝައްޔާން ގުދުވި އެވެ. އަމާރާގެ ޖަވާބު ކަމުނުދިޔައީ އެވެ.
"އެ ނޫން ދެން ކޯންޗެއް..؟" ވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި އަމާރާ ހިފި އެވެ.
ނަމަވެސް ޝައްޔާންގެ ލޮލަށް ބަލަން މިފަހަރު އަމާރާއަށް ފަސޭހައެއް ނުވި އެވެ.
ކާރު ތެރޭގައި ޖަހާލާފައިވާ ހިމޭން މިއުޒިކްގެ އިތުރުން އެހެން އެއްވެސް އަޑެއް ނީވި ހިނދުކޮޅެއް ފާއިތުވެއްޖެ އެވެ. އަމާރާގެ ސުވާލަށް ދޭނެ ޖަވާބެއް ޝައްޔާންގެ ދުލުން ބޭރެއް ނުވާނެ އެވެ. އެކަކު އަނެކެކަށް މާނައިން ފުރިގެންވީ ބެލުމަކުން ބަލައިލި އެވެ. ހިތާއި ދުލުގައި އެތައް ވާހަކައެއް ވިއެވެ. އެއްކޮޅުން މަޖުބޫރެވެ. އަނެއްކޮޅުން ނުތަނަވަސްކަމެވެ. ބުނާނެ އެއްޗެއް ނުވަތަ ބުނެވޭނެ އެއްޗެއްވެސް ނެތުމުން، އަސަރުން ފުރިގެންވީ ބަލައިލުމަކާއެކު ދެމީހުން ހިމޭންވީ އެވެ.
..................
ޝައްޔާންގެ ގެއަށް ވަދެވުމާއެކު، މޭދަށުގައި ދެއަތް ހުރަސްކޮށްފައި އަމާރާ އެނބުރުނީ ޝައްޔާންއާއި ދިމާއަށެވެ.
"އިށީންދޭ!" ސޯފާއަށް އިޝަރާތްކޮށް އަމާރާކުރީ އަމުރެކެވެ.
"ބޮސީ އޭޒް އެވަރ، އައި ސީ..!" ލޮލުގެ ހިމަކޮޅުން ބަލައިލަމުން ޝައްޔާން ބުނެލީ މަޑުމަޑުންނެވެ.
"ޝަޓް އަޕް! އިށީންދޭ!" ތަންކޮޅެއް ބާރަށް އަމާރާ ބުންޏެވެ.
ޗޮކެއް ކަނޑާލަމުން ސޯފާގައި ޝައްޔާން އިށީނެވެ. އުއްމީދު ނުކުރާ ހަރަކާތެއް ކުރިމަތީން ފެނުމާއެކު ޝައްޔާންގެ ދެ ލޯ ބޮޑުވެ، ލޭގެ ހިނގުން އަވަސްވި އެވެ.
ލަސްހަރަކާތަކާއެކު ދެ ކަކޫޖަހާފައި އަމާރާ އިށީނީ ޝައްޔާންގެ ކުރިމަތީގަ އެވެ.
ބިންމަތީގައި އަމާރާ އިނުމަށް ޝައްޔާންގެ ހިތް ނޭދޭތީ، އެކަން މަނާކުރުމަށް އިޝާރާތްކުރި އެވެ. ދެފަރާތަކަށް ބޯ ހޫރުވާލާފައި މަޑުމަޑުން އަމާރާ އެދުނީ އޭނާއަށް އެ އިޒްނަ ދިނުމަށެވެ.
އެހެން ގޮތެއް ނެތުން ޝައްޔާން ހަތިޔާރު ބެހެއްޓީ، އަމާރާގެ ހަރަކާތްތަކާއި މެދު ބުނާނެ އެއްޗެއް ހިތަށްވެސް ނައީތީ އެވެ.
މަޑުމަޑުން ޝައްޔާންގެ ސްލިންގ ނައްޓުވާލާފައި އެ އަތް އަމާރާ ބަލަންފެށި އެވެ. (ނުނިމޭ)