ފެނަކައިގެ ތެރެއިން ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ހާމަވާ އޮޑިޓް ރިޕޯޓެއް މި ފަހުން ވަނީ އާންމުކޮށްފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު އޮޑިޓު އޮފީހުން އާންމުކުރި މި ރިޕޯޓުގައި ތަފުސީލީ ގޮތެއްގައި، ފެނަކައިން ހިންގާފައިވާ ހިޔާނާތުގެ އެތައް އަމަލެއް އަދި ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ އެތައް އެއްބަސްވުމެއް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ކަރަންޓު ކޭބަލާއި ޖަނަރޭޓަރު ގަތުމުން ފެށިގެން ގޮސް ފެނަކައިގެ މަޝްރޫއުތައް ހިންގި ރަށްރަށުގައި، އެ މަޝްރޫއުތަކުގައި މަސައްކަތްކުރި މުވައްޒަފުންނަށް ކޭޓަރިން ހިދުމަތް ފޯރުކޮށްދޭން ވެފައިވާ އެއްބަސްވުންތައް ހިމެނެ އެވެ.
އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2021 އިން 2023 އަށް ފެނަކައިން ޖުމްލަ 674 އެއްބަސްވުމެއްގެ ދަށުން 2.2 ބިލިއަން ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކުރި އެވެ. މީގެ ތެރެެއިން 439 އެއްބަސްވުމެއްގައި ސޮއިކުރީ ބިޑަށް ހުޅުވައިނުލަ އެވެ. އެ އެއްބަސްވުންތަކުގެ އަގު 1.4 ބިލިއަން ރުފިޔާއަށް އަރަ އެވެ.
މީގެ ތެރެއިން ސައީދުގެ އާއިލީ ގޮތުން ގުޅުންހުރި ތިން ކުންފުންޏަކާއެކު ގިނަ އެއްބަސްވުންތަކެއް ހަދައި 31 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.
ފެނަކަ އޮޑިޓްކޮށް، އޮޑިޓާ ޖެނެރަލް ނެެރުއްވި ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް ބަލައި އެ ކަންތައްތަކުގެ ޒިންމާ އުފުލަން ޖެހޭ މީހުންނަށް ފިޔަވަޅު އަޅަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ޕީއެންސީގެ މެމްބަރަކު ހުށަހެޅުއްވި ގަރާރުގެ ބަހުސްކުރައްވަމުން ނާޒިމް ވަނީ އެ ހިޔާނާތަކީ ހަމައެކަނި ފެނަކައިގައި އޭރު ހުންނެވި މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ހިންގެވި ހިޔާނާތެއް ނޫން ކަމަށާއި އެ ކަމުގައި އެހެން ބޭފުޅުންގެ ބައިވެރިވުން އޮތްކަމުގެ ހެކި އެބަހުރި ކަމަށް ވިދާޅުވެފަ އެވެ.
ނާޒިމް ތުހުމަތުކުރެއްވި ގޮތުގައި އެ ހިޔާނާތުގައި ސޯލިޙާއި އަމީރު ބައިވެރިވާކަމުގެ ހެކި އެބަހުއްޓެވެ.
ނާޒިމް ވިދާޅުވީ ޑިމޮކްރަސީގައި އޮންނަނީ ވޯޓުލައިގެން ކަންތައްތައް ބަދަލުކުރުން ކަމަށާއި ނަމަވެސް ވޯޓުލައިގެން ކޮރަޕްޝަން ނުހުއްޓުވުނު ކަމަށެވެ.
މީގެ އިތުރުން، ނާޒިމް ވަނީ ފެނަކަ ހިޔާނާތުގެ ފައިސާ އަނބުރާ ހޯދޭނެ ގޮތްތަކެއް ވެސް ހޯދަންޖެހޭކަން ފާހަގަކުރައްވައި، މި ހިޔާނާތުން ފައިސާ ލިބުނު މީހުން މިހާރު ހުންނާނީ އަސްލު އޮޅޭގޮތަށް މުދަލަށް ހަދާފައި ކަމަށް ތުހުމަތުކުރައްވާފައެވެ. މިއީ ވަރަށް ސީރިއަސްކޮށް ބަލަންޖެހޭ މައްސަލައެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
ފެނަކައާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ، ފެނަކައިގެ އޭރުގެ އެމްޑީ ސައީދުގެ މައްޗަށް މިދިޔަ އާދިއްތަ ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެކަމަކު، އެމްޑީޕީން އަންނަނީ އެއީ ސިޔާސީ ދައުވާއެއް ކަމަށާއި ސައީދާ ދޭތެރޭ ކަންތައް ކުރަނީ އިންސާފުން ނޫން ކަމަށް ތުހުމަތުކުރަމުންނެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ސައީދު ހުންނަވައިގެން، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތަކެއް ކުރަމުންދާ ކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 2021 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަމާލުކަމަށް ގެނަ އެވެ.
އޭސީސީގެ އޭރުގެ ރައީސް މަރިޔަމް ޝިއުނާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ފެނަކައާ ގުޅިގެން ހުށަހެޅި ބައެއް މައްސަލަތަކަށް ބަލާއިރު "ފެނަކަ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންކަން ހިނގަމުންދާކަން ކޮމިޝަނުގެ ތަހުގީގުތަކުން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެކަމަކު، އޭރުގެ ވެރިކަން ނިމުނުއިރު، އެ ކޮރަޕްޝަންގެ ތުހުމަތުތަކަށް ފިޔަވަޅެއް ނާޅަ އެވެ.
ވައްކަންތަކާއި ހިޔާނާތްތަކުން ސަލާމަތް ވެވެން އޮތީ ރާއްޖޭގެ ހިންގުމަށް މިހާރު އޮތް އޮނިގަނޑު ބަދަލުކޮށް ގާނޫނު އަސާސީ އިސްލާހުކޮށްގެންނެވެ. އެ ގޮތުން ސަރުކާރާއި މުޅިން ވަކިން މިނިވަންކަމާ އެކު ދައުލަތުގެ އެސެޓްތައް ހާމަކޮށް ބަލަހައްޓާނެ ނިޒާމެއް އެކުލަވާލުމާއި އަދި ސަރުކާރުގެ ބައިވެރިވުން ނެތި ކުންފުނިތައް ރެގިއުލޭޓްކޮށް ހިންގާނެ ހަރުދަނާ އޮނިގަނޑެއް ގާނޫނު އަސާސީން އެކަށައަޅައިގެންނާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރާ މީހުން އިސްވެ ތިބެ އިސްލާހީ ހަރަކާތެއް ފަށާ ރާއްޖޭގެ ހިންގުމުގެ އޮނިގަނޑު ބަދަލުކޮށް، ގާނޫނޫ އަސާސީ އަށް ބޮޑެތި ބަދަލު ތަކެއް ގެނެސް ގެންނެވެ.
މިހާރު ބޭނުން ވަނީ ނުލަފާ ވެރިން ރައްޔިތުންގެ ބައިތުލްމާލް ހުސްކޮށްލާ އެއިން ވައްކަން ކުރާ ނަމަ، ރައްޔިތުންގެ ހަޒާނާ ސަލާމަތް ކުރެވޭނެ އަވަސް ފަރުވާއެއް އޮތް ހިންގުމުގެ އޮނިގަނޑެކެވެ. މިހާރު ބޭނުން ވަނީ، ގާނޫނު އަސާސީގައި ވަކިކޮށްފައިވާ ހުރިހާ ބާރުތަކެއް، ވެރިކަމުގަ ހުރި މީހާގެ ގަދަބާރުން ގާނޫނު އަސާސީ އާއި ހިލާފަށް، ވެރިމީހާގެ މުށުތެރެއަށް ޖަމާކޮށްގެން އުޅޭ އުޅުން ނިމުމަކަށް ގެނެވޭނެ އޮނިގަނޑެކެވެ. މަޖިލީހާއި ރައިސުލްޖުމްހޫރިއްޔާގެ އަޅުވެތިކަމުން މިނިވަންވެގެން އެ މީހުންގެ ނުފޫޒުން އެއްކިބައިވެގެން މިނިވަން މުއައްސަސާ ހިންގޭނެ އޮނިގަނޑެކެވެ.
ގައުމު ހިންގުމާ ހަވާލުވާ މީހުންނަކީ ބައެއްގެ ވަޒީފާއެއްގައި ތިބޭ ބައެއްކަން ޔަގީން ކުރެވޭނެ ގޮތެއް ނުވަތަ ހިންގުމާ ހަވާލުވާ މީހުންގެ ނަހަލާލު ނުފޫޒަށް ތަބާނުވެ، ފާރަވެރި އަދި ތަންފީޒީ މުއައްސަސާތައް ހިނގޭކަން ކަށަވަރު ކުރެވޭނެ ގޮތެއް ހޯދުމަށް ގާނޫނު އަސާސީއަށް ގެންނަށް ޖެހޭ އިސްލާހުތަކެއް ލިސްޓްކޮށް، އެ ކަމަށް ވަކާލާތު ކުރާ "އެދޭ ރާއްޖެ" ހަރަކާތުން މިހާރު ވަނީ ވީހާ ވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް ގޮވާލައިފަ އެވެ. އެ ހަރަކާތުން ގޮވާލައި މައިގަނޑު ގޮވާލުންތަކުގެތެރޭގައި ހިމެނެނީ:
• ރައްޔިތުންގެ ހައްގުތަކާއި ދައުލަތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ޕެޓިޝަން ހުށަހެޅޭނެ ނިޒާމެއް އުފަން ކުރުވައި، ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުންގެ ނިންމުންތައް ރިވައިޒް ކުރަން އެންގުމުގެ ދުސްތޫރީ ބާރުވެރިކަން ރައްޔިތުންނަށް ހޯދުމަށް
• ރައްޔިތުންގެ ސީދާ ވޯޓުން ސުޕްރިމް ކޯޓު ފަނޑިޔާރުންނާއި ޕޮލިސް ކޮމިޝަނަރާއި ޕްރޮސިކިއުޓަރު ޖެނެރަލާއި ބަންޑާރަ ނައިބު އައްޔަނު ކުރުމާއި ވަކި ކުރާގޮތަށް ހަމަޖެއްސުން
• ދައުލަތާއި ސަރުކާރު ޖަވާބުދާރީ ކުރުމުގެ ނިޒާމް އަލުން ތަރުތީބުކޮށް، ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުން ހުށަހަޅާ މީހުންގެ މައްޗަށް މިނިވަން މުއައްސަސާތައް އެކުލަވާލުން
"އެދޭ ރާއްޖެ" ކެމްޕޭނުގެ ބޭނުމަކީ ފެހި ގާނޫނުއަސާސީން ތަސައްވުރުކުރި ރާއްޖެ ނުލިބި، ރައްޔިތުންގެ ބާރު ގެއްލުމުގެ ސަބަބުން އަލުން ރައްޔިތުން އެދޭ ރާއްޖެއަށް ދިއުމަށްޓަކައި ރައްޔިތުންގެ ހަރަކާތަކަށް މަގުފަހި ކުރުމެވެ. އިޖުތިމާއީ އަދި ސިޔާސީ ނިޒާމުން ނަޒާހަތްތެރިކަން ގެއްލި، ކޮރަޕްޝަނާ ފަސާދައަކީ އާންމުވެފައިވާ އަދި އާދައިގެ ކަމަކަށް ވަމުންދާތީ އެކަން ހުއްޓުވުމަށް ރައްޔިތުން ބާރުވެރި ކުރުވުމެވެ