އޭސީސީއިން ބުނާ ގޮތުގައި އޮޑިޓާ ޖެނެރަލް އޮފީހުން ފެނަކާ ކޯޕަރޭޝަނާއި ގުޅޭ ގޮތުން ނެރުން އޮޑިޓް ރިޕޯޓުގައި އެ ކޮމިޝަންގެ އިހްތިސާސަށް ފެތޭ މައްސަލަތަކަކީ ކޮބާތޯ ބަލާ އެ މައްސަލަތަކާއި ގުޅިގެން އެ ކޯޕަރޭޝަނުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމުގަ އެވެ.
ފެނަކައިގެ 2021-2023ގެ އޮޑިޓް ރިޕޯޓެއް އޮޑިޓް އޮފީހުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ވަނީ އާންމުކޮށްފަ އެވެ.
އޭރު ހިންގި ހިޔާނާތުގެ މައްސަލަތައް އަވަހަށް ބަލަން ކަމާ ގުޅުން ހުރި މުއައްސަސާތަކަށް ރައީސް މުހައްމަދު މުއިއްޒު އޭގެ ފަހުން ވަނީ އަންގަވާފަ އެވެ.
ފެނަކައާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ، ފެނަކައިގެ އޭރުގެ އެމްޑީ ސައީދުގެ މައްޗަށް މިދިޔަ އާދިއްތަ ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެކަމަކު، އެމްޑީޕީން އަންނަނީ އެއީ ސިޔާސީ ދައުވާއެއް ކަމަށާއި ސައީދާ ދޭތެރޭ ކަންތައް ކުރަނީ އިންސާފުން ނޫން ކަމަށް ތުހުމަތުކުރަމުންނެވެ.
2022 ވަނަ އަހަރުން ފެށިގެން ފެނަކާ އަށް ނިސްބަތްވާ 9 މައްސަލައެއްގައި އެކި ފަރާތްތަކަށް ދައުވާ ކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށާއި އޭގެ ތެރެއިން ވަރަށް މައްސަލަތަކެއް ދައުވާ ކޮށް ހުކުމް ކޮށްފައިވާނެ ކަމަށް އޭސީސީން ބުނެ އެވެ.
އޭސީސީން މައުލޫމާތުދޭ ގޮތުގައި މިހާތަނަށް ތަހުގީގު ކުރެވުން މައްސަލަތަކާއި ގުޅިގެން 21 މިލިއަން އަށް ވުރެން ގިނަ ރުފިޔާ އަނބުރާ ހޯޯދުމަށް އެ ކުންފުންޏަށް އަންގާފައިވާނެ ކަމުގަ އެވެ.
އަދި ފެނަކާ އާއި ގުޅޭ އެކި މައްސަލަތަކުގައި 96 ކަމެއް އިސްލާހު ކުރުމަށް އޭސީސީން ފެނަކާ އަށް އަންގާފައިވާނެ ކަމަށް އެ ކޮމިޝަނުން ފާހަގަ ކޮށްފައިވެ އެވެ.
އިސްލާހުކުރަން ބުނި ކަންކަމުގެ ތެރޭގައި ކުންފުނި ހިންގުމާއި ގުޅޭ ކަންކަން ކުރިއަށްގެންގޮސްފަައިވާ ގޮތުއާއި ގުޅޭ 49 ކަމަކާއި، ކުންފުނީގެ ސިޔާސަތާއި ގުޅޭ 26 ކަމަކާއި، ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ކުންފުންޏަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމާ ގުޅޭ 10 ކަމަކާއި، ކުންފުނިން ބަލައި ތަހުގީގު ކުރުމަށް 8 ކަމެއްގެ އިތުރުން އެހެންނިހެން މުހިންމު ކަންކަން ހިމެނޭ ކަމަށް އެ ކޮމިޝަނުން މައުލޫމާތުދެ އެވެ.