އިދިކޮޅު އެމްޑީޕީއިން ރޭ ކުރިއަށްގެންދިޔަ މުޒާހަރާއާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ނައިބު ރައީސް ވިދާޅުވީ ސުލްހަވެރި އިހުތިޖާޖެއްގެ ނަމުގައި ގައުމުގެ ސުލްހަމަސަލަސްކަން ނަގާލައި ހަލަބޮލިކުރުމަށް އެމްޑީޕީއިން ރޭ ކުރިއަށް ގެންދިޔަ ހަރަކާތް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފަ އެވެ.
އަދި އެ ހަރަކާތަކީ ރައްޔިތުންގެ ބާރާއި، ހިޔާފާޅުކުރުމުގެ ހައްގުގެ ނިވަލުގައި، ގާނޫނުއަސާސީއާއި ގާނޫނު ހުއްދަކުރާ ހަމަތައް ގިރާކޮށް، ގާނޫނީ ވެރިކަމަކާ ދެކޮޅަށް ރޭވިގެން ހިންގުނު ނިރުބަވެރި ހަރާކާތެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.
އަދި މިއީ އެމްޑީޕީން ވަކާލާތުކުރަމުންދާ އަސާސްތައް ނެގެހެއްޓުމުގައި އެ ޕާޓީ މިއަދު ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމަށް ވެސް، ނައިބު ރައީސް ލިޔުއްވާފައިވެއެވެ.
ރޭގެ އެއްވުމާ ގުޅިގެން ސަރުކާރުގެ ބައެއް ވަޒީރުން ވެސް ވަނީ އެމްޑީޕީގެ އެއްވުން ކުށްވެރިކޮށް، ސޯޝަލް މީޑިއާގައި ޕޯސްޓްކުރައްވައިފަ އެވެ.
ފުލުހުން ތަކުރާރުކޮށް ބުނެފައި ވަނީ ރޭގެ އެއްވުން މަޖީދީ މަގުން ކުރިއަށް ގެންދަން އެމްޑީޕީން މަސައްކަތް ކޮށްފައި ވަނީ އެ ޕާޓީ އާއި ފުލުހުންނާ އެކު ބޭއްވި ބައްދަލުވުމުގައި އެއްބަސްވި ގޮތާ ހިލާފަށް ކަމަށެވެ. އަދި ހުއްދަ ދިނީ އަމީނީ މަގާއި ބޮޑުތަކުރުފާނު މަގުން ކުރިއަށް ދާން ކަމަށް ބުންޏެވެ.
އެމްޑީޕީގެ ރޭގެ އެއްވުމުގެ ތެރެއިން ހަތް މީހަކު ހައްޔަރުކުރިއިރު، އެކަކު ވަނީ ރޭ ޝަރުތުކުރުމަށްފަހު ދޫކޮށްލައިފަ އެވެ. ބާކީ ތިބި މީހުންގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިފަ އެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި، ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ އަދި މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު ހިމެނެ އެވެ. އެ ތިން މީހުން ވެސް ވަނީ 15 ދުވަހަށް ބަންދުކޮށްފަ އެވެ.
އެމްޑީޕީން "ލޫޓުވައިފި" ގެ ނަމުގައި މާލޭގައި ބޭއްވި މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތް ދިފާއުކޮށް ދިވެހި ސަރުކާރުން ވަނީ ބަޔާނެއް ނެރެފަ އެވެ. އަދި ރޭގެ އެއްވުމާ ގުޅިގެން ސަރުކާރުގެ ބައެއް ވަޒީރުން ވެސް ވަނީ އެމްޑީޕީގެ އެއްވުން ކުށްވެރިކޮށް، ސޯޝަލް މީޑިއާގައި ޕޯސްޓްކުރައްވައިފަ އެވެ.