ads
އައިޖީއެމްއެޗް
މުޒާހަރާ ތެރެއިން ހާޓް އެޓޭކް ޖެހުނު މީހާގެ ހާލަތު އަންނަނީ ރަނގަޅުވަމުން: އައިޖީއެމްއެޗް
އިދިކޮޅު އެމްޑީޕީން މާލޭގައި ރޭ ބޭއްވި މުޒާހަރާގައި ހުއްޓާ ހާޓް އެޓޭކެއް ޖެހި ފަރުވާދޭން ޖެހުނު މީހާގެ ހާލަތު އަންނަނީ މިހާރު ރަނގަޅުވަމުން އައިޖީއެމްއެޗުން ބުނެފި އެވެ.
Advertisement

އައިޖީއެމްއެޗުން ވަނީ މި ހާދިސާއާ ގުޅިގެން އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކާގުޅޭގޮތުން ނޫސް ބަޔާނެއް ނެރެފަ އެވެ.

"ޕެޕާސްޕްރޭ ޖެހުމުން ވަގުތީ ގޮތުން ނޭވަޔަށް އުނދަގޫކޮށް ކެއްސައި އަދި މިފަދަ ސްޓްރެސް ރެސްޕޮންސްތައް އައި ނަމަވެސް ޕެޕާ ސްޕްރޭއަކީ ސީދާ އޭގެ ޒާތުން ހާޓްއެޓޭކެއް ޖެހޭ ފަދަ އެއްޗެއް ނޫން" ކަމަށް ބަޔާނުގައި ބުންޏެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލުން ބުނީ "ތަފާތު ގޮތްގޮތުން އުފުލާ ބުރައިގެ ސަބަބުން" ސިއްހީ މައްސަލައެއް ހުންނަ މީހަކަށް ހާޓްއެޓޭކެއް ޖެހުން ފަދަ ކަމެއް ދިމާވެދާނެ ކަމަށެވެ. ހޮސްޕިޓަކުން ބުނީ ރޭ މުޒާހަރާގެ ތެރެއިން ހާޓްއެޓޭކެއް ޖެހުނު މީހާގެ ހާލު މިހާރު ރަނގަޅު ކަމަށާއި އެހެންވެ މިހާރު ފަރުވާ ދެމުން އަންނަނީ ސީސީޔޫގައި ބާއްވައިގެން ކަމަށެވެ.

އައިޖީއެމްއެޗުން ވަނީ އެ ހޮސްޕިޓަލުން ފަރުވާ ހޯދާ ކޮންމެފަރާތަކަށްމެ، އެ ފަރާތެއްގެ ހާލަތަށް ބަލައި އެވަގުތު ދޭންޖެހޭ ފަރުވާ އެންމެ ފުރިހަމައަށް ދޭނެކަމުގެ ޔަގީންކަން އަރުވާފަ އެވެ.

ރޭ މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ތިން ފުލުހަކަށް ވެސް އަނިޔާވެ ވަނީ ފަރުވާދީފަ އެވެ. 

ފުލުހުން ބުނި ގޮތުގައި އަންހެން ފުލުސް އޮފިސަރަށް އަނިޔާވީ ޝީލްޑާ އެކު ވެއްޓިފައި އޮއްވައި އެއްވުމުގެ ބައިވެރިން އެ އޮފިސަރުގެ ގައިމަތިން ހިނގުމުގެ ސަބަބުންނެވެ.

އަނެއް ދެ ފުލުހުންގެ ތެރެއިން އެކަކަށް އަނިޔާވީ ބެރިކޭޑުން ޖެހުމުގެ ސަބަބުން ކަމަށާއި އަނެއް އޮފިސަރަށް އަނިޔާވީ ޝީލްޑްތަކުގައި އެއްވުމުގެ ބައިވެރިން ޖެހުމުގެ ސަބަބުން ކަމަށް ފުލުހުން ބުންޏެވެ.

ރޭގެ މުޒާހަރާގައި 8 މީހަކު ހައްުޔަރުކުރި އެވެ. އެމީހުންގެ ތެރެއިން ހަ މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ދީފަ އެވެ.

އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲގެ ހާއްސަ ދުއާއަކުން ރޭ ގެ އެއްވުން 12 ޖަހާކަންހާއިރު ނިންމައިލުމަށް ފަހު، އެމްޑީޕީގެ ގާނޫނީ ޓީމުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ޓީމުގެ ފަރާތުން ބުނީ، ރޭ ކުރިއަށް ގެންދިޔައީ ވެސް ނިންމައިލީ ވެސް "ސުލްހަވެރި އެއްވުމެއް" ކަމަށެވެ. މުޒާހަރާ ރޫޅާލުމުގައި ފުލުހުން ހާލަތާ ނުބައްދަލު، ގާނޫނާއި ގަވައިދުގެ ބޭރުން ބާރުގެ ބޭނުން ކުރި ކަމަށް ބުނެ، ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.  

އެމްޑީޕީން "ލޫޓުވައިފި" ގެ ނަމުގައި މާލޭގައި ބޭއްވި މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތް ދިފާއުކޮށް ދިވެހި ސަރުކާރުން ވަނީ ބަޔާނެއް ނެރެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް