ގައުމުގެ ދިދަ މާދަމާ އުފުލާނެ އަޒުމު ވަރުގަދަ، ހިތްވަރު ހުރި، މޮޅުކުދީން މިއަދު އެތިބީ މަދަރުސާތަކުގައި ކަމަށާއި ދިވެހީން އެދޭފަދަ ހަރުދަނާ ޖީލެއްގެ ގޮތުގައި އެކުދީން ތަރުބިއްޔަތުވާނީ މުދައްރިސުން މިއަދު ދިން އިރުޝާދަކާއި ތައުލީމަކާއި އޯގާތެރިކަމަކުން ކަމަށް ރައީސް ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ މުދައްރިސުންނައް ކުރިއެރުމާއި ފަހިކަން ހޯދައިދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭކަމުގެ ޔަގީންކަން އަރުވާ ކަމަށް ރައީސް ވަނީ ފާހަގަ ކުރައްވާފައި އެވެ.
މުދައްރިސުންގެ ބުރަ މަސައްކަތާއި ހިންމަތަކީ ދުނިޔެއާއި އާހިރަތުގެ މަންފާ އޭގައި އެކުލެވިފައިވާ، މާއްދީ އެއްވެސް އެއްޗަކުން އަގުނުކުރެވޭނެ، ގަދަރުވެރި، ފަހުރުވެރި ހިދުމަތެއް ކަމަށް ރައީސް ވިދާޅުވި އެވެ.
މި އުފާވެރި ދުވަހުގެ ތަހުނިޔާ މުދައްރިސުންނަށް އަރިސްކުރައްވާ ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ.
ކޮންމެ އެދުރެއްގެ އާއިލާއަށް ދުޅަހެޔޮކަމާއި އުފާފާގަތިކަމަށް އެދި ދުއާކުރައްވާ ކަމަށްވެސް ރައީސް އިތުރަށް ވިދާޅުވި އެވެ.