އެ ކޮމިޝަންގެ މީޑިއާ ބޭފުޅެއް ސީއެންއެމް އަށް މިއަދު ވިދާޅުވީ މި މައްސަލައަކީ ކޮމިޝަނުން އިސްނަގައިގެން ބެލުމަށް ނިންމާފައިވާ މައްސަލައެއްކަމުގައި އެވެ
މީގެ އިތުރުން އެ މައްސަލައަކީ އެ ކޮމިޝަނުން ކަންބޮޑުވުން މައްސަލައަކަށް ވާތީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށާއި ބަލަން ޖެހޭ ކަންކަން ބަލާ ތަހުގީގު ކޮށް ނިމުމުން މިކަމާއި ގުޅޭ އިތުރު މައުލޫމާތުތައް ހިއްސާ ކުރާނެ ކަމަށް އެ ބޭފުޅާ ވަނީ ވިދާޅުވެފައި އެވެ
އެލްރެޑު ބޭނުން ކުރުމުން ބޭރުފުށުން އަނިޔާއެއް ނުވި ނަމަވެސް ނަފުސާނީ ގޮތުންނާއި އަޑުއިވުމުގެ ހިއްސަށް ލިބޭ ގެއްލުން ބޮޑެވެ. މި ހަތިޔާރުގެ ސަބަބުން މީހުންގެ ކަންފަތް ބީރު ވުމުގެ ފުރުސަތު އޮންނަ ކަމަށް ބޭރު ސިއްހީ ޖަމިއްޔާތަކުން ވެސް ބުނެފައިވެ އެވެ.
މި އާލާތަކީ މާ ކައިރީގައި ބަހައްޓައިގެން ބޭނުންކޮށްފި ނަމަ ސިއްހަތަށް ވަރަށް ބޮޑަށް ގެއްލުން ލިބޭނެ އެއްޗެކެވެ. ރޭގައި ފުލުހުން މި އާލާތް ބޭނުންކުރީ އާންމުންނާއި ފުލުހުންނާ ދެމެދުގައި ޝީލްޑް ޖަހައިފައި ހުރި ހިސާބުގައި ތިބެގެންނެވެ. މީގެން އިވޭ އަޑުގެ ސަބަބުން ކަންފަތަށް ވަރަށް ބޮޑަށް ތަދުވެ، ދާއިމަށް ބީރުވުމުގެ ބިރު ވެސް އޮވެ އެވެ.
އެމްޑީޕީން "ލޫޓުވާލައިފި ލޫޓުވައިފި" ނަމުގައި އެތައް ހާސް ބަޔަކާއެކު ބޭއްވި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ސޮނިކް ވެޕަން ބޭނުންކުރުމުން އެކަމާ ގުޅިގެން ފުލުހުންގެ މުއައްސަސާއަށް އަދި ސަރުކާރަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
އެގޮތުން ފުލުހުން ސޮނިކް ވެޕަން ބޭނުން ނުކުރަން ގޮވާލައި އޮންލައިން ޕެޓިޝަނެއްގައި ވެސް ވަނީ ސޮއިކުރަން ފަށާފަ އެވެ.
ނަމަވެސް ފުލުހުން ނެރުނު ބަޔާނުގައި ބުނީ އެއްވުން ހުއްޓުވުމުގައި ފުލުހުން ބޭނުންކޮށްފައިވަނީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ހަދާފައިވާ، ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމުގެ ގަވާއިދާއި ފުލުހުންނަށް ލިބިދީފައިވާ ބާރާއި އިހުތިޔާރުގެ ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ހުއްދަކޮށްފައިވާ ބާރުތައް ކަމަށެވެ.