މާލެ ޓެކްސީގެ ބްރޭންޑިން މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަން ޓްރާންސްޕޯޓް މިނިސްޓްރީން މިމަހުގެ ދެވަނަ ދުވަހު އިއުލާނުކުރި އެވެ. އެ އިއުލާނާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް އިއްޔެ ބާއްވަން އޮތް ބައްދަލުވުމުގައި އެއްވެސް ފަރާތަކުން ހާޒިރެއް ނުވެ އެވެ.
އެހެންވެ އެ އިއުލާނު ބާތިލުކޮށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަލުން ފުރުސަތު ހުޅުވާލާފަ އެވެ. އަދި މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުން ބުދަ ދުވަހު އޮންނާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 14 އާ ހަމައަށެވެ.
ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އެގޮތުން ޖުލައި މަހުގެ ތެރޭގައި އެ ހިދުމަތް ފަށަން ކުރިން ޕްލޭން ކުރުމަށް ފަހު، ފަހުން އޮގަސްޓަށް ފަސްކުރި އެވެ. ނަމަވެސް އޭގެ ފަހުން އެ ޖިދުމަތް ފަށާނެ އިރަކާ ބެހޭ ތަފުސީލެއް މިނިސްޓްރީން ނުދެ އެވެ.
އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ "ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް" ދޭން ފަށާނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި މި އަހަރުގެ ތެރޭގައި މި ހިދުމަތް މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދޭން ފަށާނެ އެވެ.
ދެ ވަނަ ފިޔަވަހީގެ ދަށުން 2026 ވަނަ އަހަރާއި 2027 ވަނަ އަހަރު ވިލިނގިލި އަދި ތިލަފުއްޓަށް އެ ހިދުމަތް ތައާރަފްކުރާނެ އެވެ. ތިން ވަނަ ފިޔަވަހީގައި އެ ހިދުމަތް ރަސްމާލެ، ގިރާވަރު، އައްޑޫ، ފުވައްމުލައް އަދި ކުޅުދުއްފުއްޓަށް 2028 ވަނަ އަހަރާއި 2029 ވަނަ އަހަރު ތައާރަފްކުރަން ވަނީ ރާވާފަ އެވެ.
ސަރުކާރުން ދޭ ޓެކްސީގެ ހިދުމަތް 24 ގަޑިއިރު ދޭނެ ކަމަށް އެމްޓީސީސީން ކުރިން ވަނީ ބުނެފަ އެވެ.