ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އދ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި މިއަދު ފުރަތަމަ ރަށަކަށް ދަނގެއްޗަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ އެކު ބެއްވި ބައްދަލުވުމުގައި، ބިން ހިއްމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބައި އެމްޓީސީސިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ދަށުން، 66,500 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އަޅައި، 492 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖަހާނެ ކަމަށެވެ.
އަދި 385 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.
ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ހަވާލުކުރެއްވީ 279.92 މިލިޔަން ރުފިޔާއަށް 570 ދުވަސްތެރޭ ނިންމާ ގޮތަށެވެ.
ދަނގެތީގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ބަނދަރު ހެދުމާއި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން އެ ރަށު ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށް ގޮސް ނިންމައިދެއްވާނެ ކަމަށެވެ.
ދަނގެތީ ކައުންސިލްގެ ސީނިއާ ކައުންސިލް އޮފިސަރު އައިމިނަތު ޝިފާނީ ވިދާޅުވީ ހާހަކަށް ވުރެ ބޮޑު އާބާދީއެއް އޮންނަ އެ ރަށުން އެންމެ ފަހުން ގޯތި ދޫކުރީ މީގެ 21 އަހަރު ކުރިން ކަމަށެވެ.
ބިން ހިއްކުމުގެ މަޝްރޫއުއާ އެކު އަމިއްލަ ގޯއްޗެއްގެ ހުވަފެން ދެކެމުން އައި އެންމެންގެ އެ ހުވަފެން ހަގީގަތަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބިން ހިއްކުމުގެ އެ މަޝްރޫއުގެ ސަބަބުން ޓޫރިޒަމް ދާއިރާއަށް ވެސް ވަރަށް ގިނަ ފައިދާތައް ކުރާނެ ކަމަށެވެ.