ads
އަބްދުއްރަހީމް އަބްދުﷲ
"އެއް ދުވަހު އިތުބާރުނުކުރެވޭ ވެރިއަކު އަނެއް ދުވަހު ފެނުނީމާ އިތުބާރު ކުރެވިދާނެ"
އެއް ދުވަހު އިތުބާރުނުކުރެވޭ ވެރިއަކު އަނެއް ދުވަހު ފެނުނީމާ އިތުބާރު ކުރެވިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

އެމަނިކުފާނު މިގޮތަށް ވިދާޅުވީ، ޓެކްސް ޓްރައިބިއުނަލް އަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އައްޔަން ކުރަން މަޖިލީހަށް ނަން ފޮނުއްވާފައިވާތީ، އެކަމާ ގުޅޭ ގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.

ސަރުކާރުގެ ނުފޫޒު އޮންނަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މަހާޒު ހިމެނޭހެން ދެ ފަނޑިޔާރަކު ވަކިކުރަން ނިންމީ މިދިޔަ މެއި މަހު އެވެ. 

މީކާއިލް ވިދާޅުވީ އިތުބާރު ނެތިގެން މަޖިލީހުން ވަކިކުރި ފަނޑިޔާރަކު ޓެކްސް ޓްރައިބިއުނަލް އައްޔަން ކުރަން މި ސަރުކާރުން ލިސްޓުގެ ކުރީގައި ހިމަނުއްވައި ފޮނުއްވުމުން ސުވާލު އުފެދޭ ކަމަށެވެ.

"މިއަދު ރައްޔިތުން އެބަ ސުވާލު ކުރޭ، ކޮބައިތޯ ހަގީގަތަކީ؟ ކާކަށްތޯ އިތުބާރު ކުރަންވީ؟ އެ ދުވަހު ސަރުކާރުން ބުނަމުން ދިޔައީ މަހާޒު އަލީ ޒާހިރަކީ ވަރަށް ކޮރަޕްޓް ބޭފުޅެކޭ. އެހެން ނަމަވެސް މިއަދު އަނެއްކާވެސް ރައީސުލްޖުމްހޫރިއްޔާ އެ ނަންފުޅު މި ފޮނުއްވަނީ ވަރަށް ނަޒާހަތްތެރި ބޭފުޅެއްގެ ގޮތުގައި،" މީކާއިލް ވިދާޅުވި އެވެ.

މީކާއީލްގެ ވާހަކައަށް ފަހު، އެހެން މެންބަރަކަށް ފުރުސަތުދެއްވުމުގެ ކުރިން، މަހާޒްގެ ނަން ސަރުކާރުން މަޖިލީހަށް ފޮނުވި ސަބަބު ދިފާއުކުރައްވައި، އަބްދުއްރަހީމް ވިދާޅުވީ ދުނިޔެ ހިނގަމުންދާ އިރު އެކި ދުވަހު އެކި ގޮތަށް ކަން ހިނގުމަކީ ދުނިޔަވީ ގާނޫނު ކަން ހަނދާން ކޮށްދެެއްވާ ކަމަށެވެ.

"ދުނިޔެ ހިނގަމުންދާއިރު، އެކި ދުވަހު އެކި ގޮތަށް ކަންކަން ހިނގަމުންދިޔުމަކީ އެއީ ދުނިޔެވީ ގާނޫނު. ފިތުރަތުގެ އުސޫލު. އެއް ދުވަހު ކަމުދާ ލީޑަރު އަނެއް ދުވަހު ކަމުނުގޮސް ހިނގައިދާނެ. އެއް ދުވަހު އިތުބާރު ނުކުރެވޭ ވެރިއަކު އަނެއް ދުވަހު ފެނުނީމަ އިތުބާރު ކުރެވިދާނެ،" ސިޔާސީ ހަޔާތް ފެއްޓެވީ ވެސް އަދި ނިންމާނީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ އެކު ކަމަށް މީގެ ކުރިން އެކި ފޯރަމްތަކުގައި ވިދާޅުވި އަބްދުއްރަހީމް 

މަޖިލީހުގައި ބަހުސްކުރައްވާއިރު މައުޟޫއަށް ވާހަކަ ދެއްކެވުމަށް ވެސް އަބްދުއްރަހީމް މީކާއިލް އަށް ނަސޭހަތްތެރިވެވަޑައިގަތެވެ.

މަހާޒުގެ އިތުރުން ޑރ. އަޒްމިރަލްދާ ޒާހިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެއްގަ އެވެ. 

މަޖިލިހުގައި ނެގި ވޯޓަށް ފަހު، މަހާޒު ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގައި މަސައްކަތް ކުރެއްވިއިރު، އެއްވެސް ނުފޫޒަކަށް ތަބާނުވެ މަސައްކަތް ކުރެއްވުނީތީ އުފާ ކުރައްވާ ކަމަށެވެ.

ސުޕްރީމް ކޯޓުގައި ކުރެއްވުނު މަސައްކަތްތަކާ މެދު ހިތްހަމަޖެހޭ ކަމަށާއި އަދި އެ މުއްދަތުގައި އެ ކޯޓުގެ އެތެރެއިންނާއި ބޭރުން އައި އެއްވެސް ނުފޫޒަކަށް ތަބާނުވެ މަސައްކަތް ކުރެއްވުނީތީ އުފާ ކުރައްވާ ކަމަށް މަހާޒު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް