އދ. އޮމަދޫ ކައިރި އޮންނަ ތިން ފަޅަކީ އެ ރަށުގެ ބައެއްގެ ގޮތުގައި ރައީސް މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.
ރައީސް އޮފީހުން ބުނީ މިއީ މުއިއްޒުގެ ރިޔާސީ ވައުދެއް ފުއްދެވުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށެވެ. އެމަނިކުފާނު އޮމަދޫއަށް ދޭން ނިންމެވި ތިން ރަށަކީ ކުޑަދޫފަޅާއި ކޯޑު ނަންބަރު RF1329 ފަޅު އަދި ކޯޑު ނަންބަރު RF1330 ފަޅެވެ.
މި ފަޅުތައް އޮމަދޫއަށް ދޭން ނިންމީ އޮމަދޫގައި ފަތުރުވެރިކަން ހިމެނޭހެން އިގްތިސާދީ ގޮތުން ރައްޔިތުންނަށް މަންފާވާނެފަދަ ތަރައްގީގެ މަސައްކަތްތައް ހިންގުމަށްޓަކައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރައީސް އެގޮތަށް ނިންމެވިއިރު އެމަނިކުފާނު މިވަގުތު ހުންނެވީ ވެސް އދ. އަތޮޅުގެ ކައުންސިލުތަކާއި ރައްޔިތުންނަށް ބައްދަލުކުރައްވަން އެ އަތޮޅުގަ އެވެ.
މީހުން ދިރިއުޅޭ ރަށްތަކާ ކައިރީގައި ހުރި ފަޅުރަށްރަށް އިހުތިސާސްގައި ހިމެނުއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެގޮތުން މީގެ ކުރިން ވެސް ގިނަ އަދަދެއްގެ ފަޅުރަށްތައް ރަށްރަށުގެ އިހުތިސާސްގެ ތެރޭގައި ހިމެނުއްވި އެވެ.
އދ. އޮމަދޫގެ އިހުތިސޯސްގައި ތިން ފަޅެއް ހިމަނައި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ލިސްޓަށް މިއަދު ބަދަލު ގެނައި އިރު، ރައީސް މިއަދު ވަނީ އދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުފުޅެއް ފައްޓަވައިފަ އެވެ.