ފުލުހުން މިގޮތަށް ބުނީ، ހުކުުރު ދުވަހު ރޭ މާލޭގައި، އިދިކޮޅު އެމްޑީޕީގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި މުޒާހަރާގެ ބައިވެރިން މަގުމައްޗަށް ނިކުމެ އޭގެތެރެއިން ބައެއް މީހުން ފުލުހުންނާއި ކުރިމަތިލައި، ގާނޫނާއި ހިލާފު ހަރަކާތްތަކެއް ހިންގަންފެށުމުން، ފުލުހުން އެ އެއްވުން ހުއްޓުވައި އަމަން ގާއިމުކުރުމަށް މަސައްކަތްކުރި ކުރުމުގައި ހަރަކާތްތެރިވާ ވަކިވަކި ފުލުހުންނާއި އެފުލުހުންގެ އާއިލާގެ ބައެއް ފަރާތްތަކުގެ ޒާތީ މައުލޫމާތު މީސް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އާންމު ކުރަމުންދާތީ އެވެ.
ފުލުހުން މިރޭ ބުނީ ގާނޫނު ތަންފީޒުކުރާ އިދާރާގެ މުވައްޒަފެއް، އަދި މުވައްޒަފެއްގެ އާއިލާއަށް ނަފްރަތު އުފެދޭ ގޮތަށް، އަދި އެ މީހުންގެ އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުކުރާ ގޮތަށް އަދި ބިރު ހީވާ ގޮތަށް އެއްވެސް އަމަލެއް ސޯޝަލް މީޑިއާގެ ވަސީލަތެއް މެދުވެރިކޮށް ކުރިއަސް އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
އޭގެއިތުރުން ގާނޫނު ހިންގުމަށް ހުރަސް އެޅުމަށް ކުރާ އަމަލަކީ، މާއްދީގޮތުން ހުއްޓުވައިގެން އަދި އެނޫން ގޮތަކުން ހުރަސްތަކެއް ކުރިމަތިކުރުވައިގެން ކުރާ އަމަލަކުން ހުއްޓުވަން މަސައްކަތްކުރި ނަމަވެސް، ގާނޫނީގޮތުން ފިޔަވަޅު އެޅޭނެކަންކަން ކަމަށް ފުލުހުން ބުންޏެވެ.
އާޓިފިޝަލް ބީޗަށް ޖަމާވުމަށް ފަހު މަޖީދީމަގުން ހިނގާފައި ދާން އުޅުމުން މުޒާހަރާ ހުއްޓުވައި އަށް މީހަކު ހައްޔަރުކޮށްފައި ވާއިރު ފުލުހުން ބުނީ އެކަން އެގޮތަށް ކުރަންޖެހުނީ ކުރިން މަޝްވަރާކޮށް އެއްބަސްވިގޮތާ ހިލާފުވެފައިވާތީ ކަމަށެވެ. މަޖީދީމަގުން ހިނގާލުން ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ނަސޭހަތްދީ އިލްތިމާސްކޮށްފައިވާނެ ކަމަށާއި އެކަމަކު މުޒާހަރާގެ ބައިވެރިން އެގޮތަށް އަމަލުނުކޮށް ފުލުހުންނާ ކުރިމަތިލީ ކަމަށް ބަޔާނުގައިވެ އެވެ.
އަދި މި މުޒާހަރާ ހުއްޓުވަން ހަރަކާތްތެރިވި ތިން ފުލުހަކަށް އަނިޔާވެގެން ފަރުވާދޭން ޖެހުނު ކަމަށް ފުލުހުންގެ އިދާރާއިން ކުރިން ވަނީ ބުނެފަ އެވެ.