ads
ރައީސް މާމިގިލީގައި: އެ މަނިކުފާނު ވިދާޅުވީ ސިއްހީ މަރުކަޒުތަކަށް ސީދާ މިނިސްޓްރީތަކާ މުއާމަލާތްކުރެވޭނެ ނިޒާމެއް ގާއިމުކުރައްވާނެ ކަމަށް - ފޮޓޯ/ ރައީސް އޮފީސް
ސިއްހީ މަރުކަޒުތަކަށް މިނިސްޓްރީތަކާ މުއާމަލާތްކުރެވޭނެ ނިޒާމެއް ގާއިމުކުރަނީ
ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކަށް ހެލްތާއި ފިނޭންސް މިނިސްޓްރީއާ ސީދާ މުއާމަލާތް ކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ އދ. މާމިގިލީގައި ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގަ އެވެ. ރައީސް ވަނީ މި ނިޒާމާއެކު ސިއްޙީ މަރުކަޒުތަކަށް ބޭހާއި މުވައްޒަފުން ހޯދުމުގައި ހުރި ދަތިތަކަށް ހައްލު އަންނާނެކަމަށްވެސް ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ ސިއްހީ ނިޒާމުގައި މިހާރު އޮންނަ ފަށަލަތައް ގިނަ ކަމުން ހިދުމަތް ހޯދުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. ސަރުކާރުގެ ބޭސް ކުންފުންޏެއް އުފެއްދެވި އެއް ސަބަބަކީ ބޭސް ފޯރުކޮށްދިނުމުގެ ލުއިތަކާއި ދެން ވެސް ހުރި އުނދަގޫ ކަންކަން ހައްލުކޮށްދިނުން ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ސިއްހީ ނިޒާމަށް ގެންނަވާ ބަދަލާ އެކު ހެލްތު ސެންޓަރުތަކަށް ކުރިއަށް އޮތް ތަނުގައި ސީދާ ހެލްތު މިނިސްޓްރީ ނުވަތަ ފިނޭންސް މިނިސްޓްރީއާ މުއާމަލާތްކޮށްގެން ކަންކަން ހައްލު ކުރެވޭނެ އެވެ.

"ކޮންމެ ހެލްތު ސެންޓަރެއް ސީދާ ބޭހުގެ ކަންތަކުގައި ވިޔަސް އަދި އެސްޓީއޯއާ ވިޔަސް އަދި އެހެން ކަމެއްގައި ފިނޭންސާ ވިޔަސް ސީދާ މުއާމަލާތް ކުރެވޭ ނިޒާމެއް ގާއިމް ކުރުމުގެ ކަންތައް ކުރިއަށް އެބަދޭ،" ރައީސް ވިދާޅުވި އެވެ.

މި ނިންމުމުގެ ސަބަބުން ކުރިން ޚިދުމަތް ހޯދުމުގައި ހުރި ފަށަލަތައް ނެތި، އެތައް ކަމެއްގައި ފަސޭހަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ބޭސް ލިބުމުގައި ހުރި ދަތިތައް ބޮޑުވެ ގިނަ ބަޔަކު އަންނަނީ އެ ކަމުގެ ޝަކުވާ ކުރަމުންނެވެ. އެ މައްސަލަ ހައްލުކުރަން ސަރުކާރުން މީގެ ކުރިން އެކި ތާރީޚުތައް ދިން ނަމަވެސް އަދިވެސް އެކަށިގެންވާ ހައްލެއް ލިބިފައެއް ނުވެ އެވެ.

ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމުގެ މަގުސަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ކުންފުނި އުފެއްދެވީ މީގެ 3 ހަފްތާ ކުރިންނެވެ.

ބައެއް ބޭސްތަކުގެ ސަޕްލައި ދަށްވުމުގެ ސަބަބުން ބޭސްތައް ނުލިބުމުގެ ކަންބޮޑުވުން އުޅޭތީ ފިޔަވަޅުތަކެއް އަޅުއްވަން ރައީސް މީގެ ކުރިން ނިންމަވާފައި ވެއެވެ. މިއީ އެ މަސައްކަތުގެ ތެރެއިން އުފެއްދެވި ކުންފުންޏެވެ.

އެ ކުންފުންޏަށް ކިޔަނީ "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް"އެވެ. ރައީސް އޮފީހުން ވިދާޅުވީ މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއް ކަމަށެވެ.

ރާއްޖެއަށް ބޭސް އެތެރެކުރުމަށް ކުންފުންޏެއް އުފެއްދެވިއިރު، އެ މަސައްކަތް ސަރުކާރުގެ ފަރާތުން މިހާތަނަށް ވެސް ކުރަމުން އައީ ސަރުކާރުގެ ހިއްސާ އޮންނަ އެސްޓީއޯ މެދުވެރިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް