މި މަސައްކަތް ހަވާލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ އެވެ.
މި އެއްބަސްވުމުގައި އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. ޢަލީ ޒާހިރެވެ. އަދި، އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްތަރު އިބްރާހިމް ނަޡީމެވެ.
މާމިގިލީގައި ތަރައްގީކުރާ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ ކެމްޕަހުގައި އިދާރީ އޮފީހަކާއި ލައިބްރަރީއެއްގެ އިތުރުން ފަސް ކްލާސްރޫމާއި މަލްޓި ޕާޕަސް ސެމިނާ ހޯލެއް ވެސް ހިމެނެއެވެ. އަދި، މި ކެމްޕަހުގައި މުވައްޒަފުންގެ އެކޮމަޑޭޝަން ބްލޮކެއް ވެސް ހިމެނޭނެ އެވެ.
މިއީ ބަޖެޓުގެ ތެރެއިން ހިންގާ މަޝްރޫއެއް ނަމަވެސް، މި މަސައްކަތަށް ހޭދަވާނެ ދުވަހާއި ހަރަދުގެ ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. މި މަޝްރޫއަށް މާމިގިލީ ކައުންސިލުން ވަނީ 22،000 އަކަފޫޓުގެ ބިމެއް ހަމަޖައްސާފަ އެވެ.
މާމިގިލީގައި އިސްލާމީ ޔުނިވަސިޓީގެ ކެމްޕަހެއް ގާއިމުކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު ރައީސް ވަނީ ރަށްތަކުގައި ތިބެގެން ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ރައްޔިތުންނަށް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. މީގެއިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތަައް ގާއިމް ކުރައްވަންވެސް އެމަނިކުފާނު ވަނީ ނިންމަވާފަ އެވެ.
އެހެންކަމުން އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަސްތައް ވަރަށް ފުޅާ ދާއިރާއެއްގައި ގާއިމް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަަމަށް ރައީސް ވިދާޅުވި އެވެ.